11:46

އެމެރިކާގެ ބޮޑު ރޯގާއި މަރުވި މީހުންނަށްވުރެ ކޮވިޑްގައި މަރުވި މީހުން ގިނަ ވެއްޖެ.

ކޮވިޑްގައި ހޭދަކުރަން ޖެހިފައި މިވާ ދަތި ދުވަސްތަކަށް ދެއަހަރު ވާން ކައިރިވަމުން އަންނައިރު ވެކްސިން ދިނުމުގައި ހޯދެމުންދާ ކުރިއެރުންތަކާއި އެކު ކޮންމެވެސް ވަރަކަށް އަނެއްކާވެސް އަދަދުތައް ދަށަށް ދާން ފަށައިފިއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެދުވަހު ކޮވިޑަށް ފައްސިވި މީހުންނާއި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ.

އިއްޔެ ކޮވިޑަށް ފައްސިވީ 3.97 ލައްކަ މީހުންނެވެ. އާދީއްތަ ދުވަހު ކޮވިޑަށް ފައްސިވީ 4.8 ލައްކަ މީހުންނެވެ. އިއްޔެ އަކީ ޖުލައި މަހުގެ 13 ވަނަ ދުވަހަށް ފަހު އެންމެ މަދުބަޔަކު ކޮވިޑަށް ފައްސިވި ދުވަހެވެ. އާދީއްތަ ދުވަހު ކޮވިޑް ޖެހިގެން މަރުވީ 6216 މީހުންނެވެ. އިއްޔެ ކޮވިޑް ޖެހިގެން މަރުވީ 5675 މީހުންނެވެ. އިއްޔެ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހަށްފަހު ކޮވިޑް ޖެހިގެން އެންމެ މަދު ބަޔަކު މަރުވި ދުވަހެވެ.

ކޮވިޑަށް ފައްސިވާ މީހުންނާއި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު މަދުވި ނަމަވެސް އަދިވެސް ވެކްސިން ދެވިފައި ވަނީ ދުނިޔޭގެ އާބާދީއަށް ބަލާއިރު ނިސްބަތުން މަދުބަޔަކަށެވެ. މުޅި ދުނިޔޭގެ އާބާދީއަށް ބަލާއިރު އަދި ވެކްސިންގެ އެއް ޑޯޒް ދެވުނު މީހުންގެ ނިސްބަތް ވެސް ހުރީ %43.6 ގައެވެ. ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައި ވަނީ %31.7 މީހުންނެވެ.

ކޮވިޑް-19 އަށް މުޅި ދުނިޔެ އިން 229 މިލިއަން މީހުން ފައްސިވެ، 4.7 މިލިއަން މީހުން މަރުވެއްޖެއެވެ.

ކޮވިޑްގެ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.