ދިވެހިރާއްޖެ އަށް ޗައިނާ އިން އައްޔަންކުރި ސަފީރުކަމާއި މިމަހު ހަވާލުވެ ވަޑައިގެންނެވި ވާން ލިޖިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ސަފީރު ވާން، ނަޝީދާއި ބައްދަލުކުރެއްވީ އޮންލައިންކޮށެވެ. މިބައްދަލުވުން ކުރިއަށް ދިޔަކަން ރައްޔިތުން މަޖިލީހުގެ އިދާރާ އިން ކަށަވަރު ކޮށްދެއްވި ނަމަވެސް ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އެއްވެސް ތަފްސީލެއް ރައްޔިތުންގެ މަޖިލީހުން ވެސް އަދި ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވެސް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ..

ނަޝީދަކީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ރާއްޖެއަށް ދިން ލޯނުތަކަކީ "ދަރަނީގެ ދަންތުރައެއް" ކަމަށް ވިދާޅުވެ ތަފާތު އެކި ތުހުމަތުތައް ނަޝީދު ވަނީ މީގެ ކުރިން ޗައިނާއަށް ކޮށްފައެވެ. ޗައިނާ އިން އެންމެ ފަހުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖަންގް ލީ ޖޮންގް ވަނީ ވަރަށް ފާޅުގައި ނަޝީދުގެ ވާހަކަތައް ރައްދު ދެއްވާ ކަންކަމުގެ ހަގީގަތް ސާފުކޮށްދެއްވާފައެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެ އާއި ޗައިނާގެ ގުޅުން ވަނީ ހީނަރުވެފައެވެ. ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް މިސަރުކާރުން ޗައިނާ އާއިއެކު އާއެއްވެސް މަޝްރޫއެއް ކުރިއަކަށް ނުގެންދެއެވެ.

ނަމަވެސް ޗައިނާ އިން އަބަދުވެސް ރާއްޖެއަށް އެހީވަމުން އައިފަދައިން ކުރިއަށް އޮތްތަނުގައި ވެސް ޗައިނާގެ އެހީ ރާއްޖެއަށް ލިބޭނެ ކަމަށް ސަފީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ވާން ވަނީ ވިދާޅުވެފައެވެ.