އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މަންފާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މި ދަނޑިވަޅުގައި އެމަނިކުފާނު ދިފާއު ކުރައްވާނެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި ނެތް ކަން މަޖިލީހަށް ބަލާލުމުން ފެންނަން އެބަ އޮތް ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުންގެ ވާހަކަ މައިގަނޑު ގޮތެއްގައި އިޝާރާތް ކުރައްވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމުގައި އަލީ ވަހީދު ހުންނަވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިރިއުޅުއްވާ ރެހެންދި ފްލެޓުން އެމްޑީޕީގެ އޭރުގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް 35 މިލިއަން ރުފިޔާ "ކަޅު ދަބަހެއްގައި" ހިފައިެގެން ގެންދެވި ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ތޯރިގް ވިދާޅުވީ ބާރުގެ ދަހިވެތިކަމުގައި ރައީސް ސޯލިހްގެ އެންމެ އަރިހުގައި އުޅުއްވި ބޭފުޅުން ވެސް މިއަދު ހަނދުމަފުޅު ނެތް ކަމަށެވެ. ރައީސް ސޯލިހްގެ އެންމެ އަރިސް ސިޔާސީ ބައިވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ދުރުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ވިޔަސް ރައީސް ސޯލިހް ބާރު ގެއްލިގެންދާ ދުވަހު އަރިހުގައި މިއަދު "ސަނާކިޔުއްވައިގެން އުޅުއްވާ" ބޭފުޅުން ނުތިއްބަވާނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. މިއަދު ވެސް ރައީސް ސޯލިހް ދިފާއު ކުރައްވާނެ މެންބަރަކު މަޖިލީހުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީގެ 65 މެންބަރުން މި ތަނުގައި ތިއްބަވާ، މީގެ ކުރީގައި އަޅުގަނޑުމެން އެއްޗެކޭ ބުނާއިރަށް ނިޒާމީ ނުކުތާ ނަގާފައި ވެސް އެއްޗެހި ގޮވާނެ، މިއަދު ނެތޭ، ރައީސް ސޯލިހްގެ ދިފާއުގައި ވާހަކަ ދައްކަވާނެ އެންމެ މެންބަރަކު ވެސް، އަޅުގަނޑުމެން މި ހުރިހާ ވާހަކައެއް ދައްކާ ނިމޭއިރު ވެސް،" ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މުއާމަލާތްތައް ހިނގަމުން ދިޔައީ އޭނާ ވެސް މަޖިލީހުގައި ހުންނަވަނިކޮށް ކަމަށާއި އެ ފައިސާގެ މުއާމަލާތްތައް އެމްޑީޕީގެ މެންބަރުން ވެސް ކުރެއްވި ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

މި ގޮތުން އޭނާ އިޝާރާތް ކުރެއްވީ ޖަލު ހުކުމެއްގައި އޭރު ހުންނެވި އެމްޑީޕީގެ ރައީސް ނަޝީދު މިނިވަން ކުރުމަށާއި، އަދީބު ބޭނުންވާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެނައުމަށް އެމްޑީޕީގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ރައީސް ސޯލިހް މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ ކަންކަމެވެ.

އަލީ ވަހީދު ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ވެސް މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވައިފައެވެ. އެކަމަކު އެ ހުށަހެޅުއްވުން މިއަދު ކުރިއަކަށް ގެންދިޔައެވެ. އެޖެންޑާ ނުކޮށް ގެންދިޔައީ އެހެން ބައިތަކެވެ.

ރެހެންދި ފްލެޓުން ރައީސް ސޯލިހް އެމްއެމްޕީއާރްސީގެ ފައިސާ އާއި ހަވާލުވިކަމަށް 2019 ވަނަ އަހަރު ވެސް "ވަގުތު" ގައި ރިޕޯޓް ކޮށްފައި ވެއެވެ. އަދީބު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސަރުކާރުން ގާނޫނުތަކަށް ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށާއި އަދީބު ނައިބު ރައީސް ކަމަށް އައުމަށް ގާނޫނު އަސާސީއަށް އިސްލާހް ކުރުމަށް ވެސް އަދީބު އެމްޑީޕީގެ މެންބަރުންނަށް ފައިސާ ދިން ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައި ވެއެވެ. ފުލުހުންނާއި އަދި ދައުލަތުގެ އެހެން އިދާރާތަކުން ކޮށްފައިވާ ތަހްގީގުތަކަށް ވެސް ވަނީ އެކަމަށް ބާރުލިބޭ ގިނަ ހެކިތަކެއް ލިބިފައެވެ.

އަލީ ވަހީދު ރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ލީޑާޝިޕްގެ އެންމެ އިސް ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު 35 މިލިއަން ރުފިޔާ ގެންދެވި ކަމަށެވެ. އެ ކާކުތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް އަލީ ވަހީދު އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ. އެހެންވިޔަސް އެ މައުލޫމާތު އެނގުމަކީ ރައްޔިތުންގެ ހައްގެއް ކަމަށް ބުނެ "ވަގުތު" އިން ސުވާލު ކުރުމުން އަލީ ވަނީ އެއީ ރައީސް ސޯލިހް ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަހީދޫ

    ގައުމަށް ހެޔޮއެދޭކަމަށް އަލީވަހީދު ދައުވާކުރާއިރު މިކަހަލަ ބޮޑު ޖަރީމާއެއް ގައުމުގެ މަތީފަޑީގައި ހިނގިއިރު އެކަންހާމަނުކޮށް މިހާދުވަސްވީ ކީއްވެތޯ؟ އެހާޔަގީންކަމާއިއެކު އެނގޭކަމަށްވާނަ އެކަހަލަކަމެއް ކުރިމީހަކު ގައުމުގެ ވަލިއްޔުލް އަމުރަށް ވުމުގެކުރިން އެވާހަކަ ރައްޔިތުންގާތު ނުބުނެހުރީ އަމިއްލަ މަސްލަހަތައް ސިޔާސީ ހަތިޔާރާއި ބާރު ހޯދަންކަމަށް ބުނެވިދާނެތޯ؟ މިމައްސަލާގައި ހެކިބަސްދޭން ކެރޭނެތޯވެސް ސުވާލު އުފެދޭ؟ އަދި ދިނަސް އޭގެބުރަދަނާމެދު ސުވާލު ނުއުފެއްދޭނެތޯ؟ ލީޑަރުންނަކީ ކަމެއް ގޯސްކޮށްކުރާއިރު އެކަން ވަންހަނާކޮށްގެން ތިބޭބަޔެއްބާ ނުވަތަ އެކަމާ ދެކޮޅަށް ބަސްބުނާ ބަޔެއްބާ؟ ހަމަހިތައްއެރި ސުވާލުތަކެއް

  2. ޙަޤީޤާ

    ބަލަ ކަލޯގެ އަމިއްލަ ނަފްސަށް އެތައް ފާފައެއް އުފުލާ ބަރާކޮއްގެން އެ ފައިސާގައި ބީހި، އެ ފައިސާތައް ދަތު އުނގުޅި އެންމެ އިސް މީހުންގެ ތެރޭގައި ހިމެނި، އެކަމަށް ތުހުމަތުކުރެވޭ ހާލު، ތިމާގެ ނަފްސު ހަނދާންނައްތާލާ އެހެން މީހުންނަށް އިނގިލި ދިމާކުރުމަކީ ވަރަށް ވެސް ހުތުރު ހަޑި މުނާފިޤު ޢަމަލެއް. ތިޔަތާކު އެ ފައިސާއިން ބަރީއަވާނެ އަކަކުވެސް ހުރިކަމަކަށް އަޅުގަނޑަކަށް ނުފެނޭ.