ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަގުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ އދގެ މައި އިދާރާގައި ބޭއްވި ޖެނެރަލްގެ "ކްލައިމެޓް މޫމެންޓް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކްލައިމެޓް މޫމެންޓް" ބައްދަލުކުރެއްވުމަކީ، އދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ހާއްސަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުން އޮތީ އ.ދ.ގެ މައި އިދާރާގައެވެ.

ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަކަމަށާއި، އެ މައްސަލައަކީ ބައިނަލްއަގްވާމީ ގޮތުން އެންމެ އިސްކަމެއްދެވޭ މައްސަލައެއްގެ ގޮތުގައި ދެމިއޮތުން މުހިންމު ކަމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމާއި، ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުންފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދިއުމުގައި ހުރި ހުރަސްތައް ފަދަ މައުލޫތަކުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އެގޮތުން ރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ މުހިންމުކަން ކުދި ޖަޒީރާ ގައުމުތަކުން އެންމެ ފުރަތަމަ ވަކާލާތު ކުރަންފެށިއިރު، އެއީ ހާސިލު ކުރެވިދާނެ ވަރުގެ ލަނޑުދަނޑިއެއްކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން މިހާރުވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވުމާއި، ކުރިއަށް އޮތްތާނގައި ދުނިޔެ އިތުރަށް ހޫނުވަމުން ދިއުމުގެ ސަބަބުން 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމުގެ ފުރުޞަތު މިހާރު ހަނިވެފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަށް ގޮވައިލައްވާފައެވެ.

ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޕެރިސް އެގްރިމެންޓް ބިނާވެފައި އޮތީ އަމިއްލައަށް ޒިންމާދާރު ފިޔަވަޅު އަޅަމުން ގެންދިއުމަށް ކަމުގައިވިޔަސް، އެކަން އަމަލުން ނުފެންނަ ކަމަށާއި، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަމާޒާ ގާތަށްވެސް ވާސިލްވެވިފައި ނުވާކަމުގައި ވިދާޅުވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މިހާރާ އަޅައިބަލާއިރު ހަތަރު ބައިކުޅަ އެއްބަޔަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތުގެމަތިން ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ.

ކަން އެހެން އޮތް ނަމަވެސް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑު ދަނޑިއެއްކަމުގައިވެސް ވިދާޅުވިއެވެ.

ކްލައިމެޓް ފައިނޭންސްގެ ދެ ބައިކުޅަ އެއްބައި ނަމަވެސް މިހާރުން މިހާރަށް ބޭނުންކުރަން ފަށަން ޖެހިފައިވާކަމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވައިލައްވާފައިވާކަން ފާހަގަ ކުރައްވަމުން، އެފަދަ މަޝްރޫއުތަކަކީ އަގުބޮޑު އަދި ނަފާކުޑަ މަޝްރޫޢުތަކެއް ކަމަށާއި، އެހެންކަމުން އެފަދަ މަޝްރޫޢުތަކަށް ބޭނުންވާ ރައުސުލްމާލު ހަމަޖެއްސުމަކީ ގޮންޖެހުން ބޮޑުކަމެއްކަމުގައި ރައީސް ބަޔާން ކުރެއްވިއެވެ.

ބައިނަލްއަގްވާމީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ފައިސާގެ އެހީ ފޯރުކޮށްދޭ މަލްޓިލެޓްރަލް ސިސްޓަމްތަކުގެ ޤާބިލުކަން އިތުރުކުރެވިދާނެ ގޮތްތަކުގެ މައްޗަށް ތަފްސީލުކޮށް ރައީސް ބައްލަވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކަށް ގްރީން ކްލައިމެޓް ފަންޑުގެ ތެރެއިން އެހީތެރިވެދޭނެކަމުގެ ޔަގީންކަން، ތަރައްގީވެފައިވާ ގައުމުތަކުން ދިނުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

ހަމައެއާއެކު، ޖީ20 ގައުމުތަކުން ފޮސިލް ފިއުލް ސަބްސިޑީއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ކުރިޔަށްއޮތް ކޮޕް-26 ސަމިޓަށް ރަނގަޅު ފާލެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަޓް؟

    1.5 ޑިގްރީ ސެލސިއަސް އޭ ތޯ؟ ލިޔުއްވެނީ ހަމަ ރަނގަޅަށްތޯ؟؟

  2. ހެއިލޯ

    ރައީސްގެ ދަތުރު ފުޅު އަދި އދ. ގައި ރައީސް ދައްކަވާ ވާހަކަ ފުޅު އެކަނި ހިސްޓްރީ ބުކް ޕޭޖް ގައި ޔެލޯ ކުލައިން ލިޔެވޭނެ ކަމެކޭ އެނޫން ކަމެއް ނުވާނެއޭ ތިޔާ ގޮތަށް އަފްއާނިސްތާނުގައި ކުރިން ހުރި އެމެރިކާގެ ގޮނޑި ކޮއްކޮ ސަރުކާރުން ވެސް އދ. ގައި ތަގްރީރު ކުރިއޭ ރައްޔިތުން އޭނާ އަށް ބޭނުންވެގެން ހޯދިއިރު ގައުމުގެ ޚަޒާނާއިން 35 ބިލިއަން ޑޮލަރު ހިފައިގެން އޭނާވެސް ކާރުގައި ނައްޓާލީ ދުބާއީ އަށޭ ދިސް އިވެންޓް ޑިޑްންޓް އީވެން މޭކް ސައުންޑް އައި ނެވަރ ގޮނާ ސާރޗް ފޯރ ރައީސް އިބޫ އިޓްސް ދަ ވޭސްޓް އޮފް ޓައިމް ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ ސޭ ހެއިލޯ...

  3. ސސ

    ޕެރިސް އެގްރިމެންޓަކީ އުފެދުމުގައިވެސް ބޭކާރު އެއްޗެއް ނެތިގޮސްފައިވާ އެއްޗެއް !