ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވި ފަސް ގާޒީންގެ ތެރެއިން ތިން ގާޒީއެއްގެ އަޑު ހިމެނޭ އޯޑިއޯތަކެއް ލީކުވުމުން އެ އޯޑިއޯތަކުގެ ހަގީގަތް ހޯދުމަށް އެ މައްސަލަ ތަހުގީގުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގާ، ސުޕްރީމު ކޯޓުގެ ފަރާތުން އަމުރެއް ނެރެދިނުމަށް އިދިކޮޅު ފަރާތްތަކުން އެދިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވެސް ތަކުރާރުކޮށް ވިދާޅުވީ ޔާމީނަށް ޙުކުމް ކުރީ އިންސާފުން ނޫން ކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނަށް ހުކުމް ކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ކަމަށް ތުހުމަތު ކުރެވޭ ބައެއްގެ އޯޑިއޯ އެއް ލީކުވެފައި ވުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އެއީ އެމަނިކުފާނަށް ހުކުމް ކުރީ އިންސާފުން ނޫންކަން ހާމަވާ ކަމަކަށް ވާއިރު އެ މައްސަލައިގެ ތަހުގީގު ކަމާއި ބެހޭ ފަރާތްތަކުން ލަސްކުރަމުންދާ ކަމަށާއި، އެ މައްސަލަ ދިގުދަންމަނީ ގަސްތުގައި ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރާ ފަހުން އެ އޯޑިއޮގެ ސައްހަކަން ކަށަވަރުވެއްޖެ ނަމަ އެއީ ޔާމީނަށް ލިބޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި، އެކަން ހުއްޓުވޭނީ ސުޕްރީމް ކޯޓަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓު ވެވަޑައިގަންނަވާށޭ ރާއްޖޭގެ އެހެން ކޯޓަކުން ނުރަނގަޅު ހުކުމެއް ކުރިޔަސް އިންސާފު ގާއިމް ކުރާ ބަޔަކަށް. އެހެން ނޫނީ ދިވެހި އެއްވެސް ރައްޔިތެއްގެ އިތުބާރު ކޯޓަކަށް ނޯންނާނެ. މި މައްސަލަ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓޫން ނިންމާ ފަހުން އޯޑިއޯގެ ސައްހަކަން އެނގޭ ނަމަ އެއީ ކިހާ ބޮޑު އަނިޔާއެއްތޯ. އެހެންވީމަ މި ދަންނަވަނީ ޝަރީއަތް މަޑުޖައްސާލައްޥާށޭ. މަޑުޖައްސާލައްވާފައި އަމުރެއް ނެރެދެއްވާށޭ ކަމާއި ބެހޭ ފަރާތަތްކަށް މި މައްސަލަ ތަހުގީގު ކުރަން އަންގަވާ." އޭނާ ވިދާޅުވިއެވެ.

އެ އޯޑިއޯތަކުގެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި އެ އޯޑިއޯތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އާއި ހިއްސާކުރައްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މީގެ އިތުރުން އެ މައްސަލަ އާއި ގުޅިގެން ފުލުހުންނާއި ބައްދަލުކުރުމަށް ވެސް އެދިފައިވާނެ ކަމަށާއި، އަދި އެ ބައްދަލުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ލީކުވެފައި ވަނީ ގާޒީ ހުސައިން ފާއިޒް ރަޝާދުއާއި، ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްގެ އަޑުކަމަށް ތުހުމަތުކުރެވޭ އޯޑިއޯތަކެވެ. އެއީ ސީދާ އެ ފަނޑިޔާރުންގެ އަޑުކަމަށް އެ ބޭފުޅުންގެ ގާތް ބައެއް ފަރާތްތަކުންވެސް ބުނި ނަމަވެސް ފަނޑިޔާރުންގެ ބެލެނިވެރި ފަރާތް ޖޭއެސްސީއަށް ހާޒިރުކުރުމުން ތިން ފަނޑިޔާރުންވެސް ވަނީ އެއީ އެ ފަނޑިޔާރުންގެ އަޑު ނޫން ކަމަށް ވިދާޅުވެފައެވެ. އެއަށް ބާރު ދެއްވުމުގެ ގޮތުން ފުލުހުންގެ ތަހުގީގަށް ތިން ފަނޑިޔާރުން ވަނީ އަޑުގެ ސާމްޕަލްވެސް ދެއްވާފައެވެ.

މި އޯޑިއޯތަކުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައި އެ ގާޒީންގެ އަޑުގެ ސާމްޕަލް ނެގުމާއި އެކު، އެ ތަހުލީލު ކުރަން ފުލުހަށް ފޮނުވުމުން ފުލުހުން ވަނީ އާންމުންގެ ތެރެއިން މީހަކާއި އެ މަސައްކަތް ހަވާލުކޮށްފައެވެ.

ޔާމީންގެ ޝަރީއަތް ފުރަތަމަ ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހްމަދު ވަނީ އެ ޝަރީއަތުގެ ހުކުމާއި ހަމައަށް ގޮސްފައިވަނިކޮށް ސަސްޕެންޑުކޮށްފައެވެ. އެއީ ރައީސް ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭންފަށެއް ޖަހާފައިވާ މަންޒަރުގެ ކުރެހުމެއް ހިމެނޭ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ އެތެރޭގެ ވައިބާ ގްރޫޕަކަށް ފޮނުއްވުމާއި ގުޅިގެންނެވެ.

އެ ހިސާބުން ޔާމީންގެ މައްސަލަ ހަވާލުވީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދުއާއެވެ. އަލީ ރަޝީދު އިސްވެ ހުންނަވައިގެން މައްސަލަ ބައްލަވަން ފަސް ގާޒީންގެ ބެންޗެއް އެކުލަވާލެއްވިއެވެ. އެ ބެންޗުގައި ތިއްބެވީ ގާޒީ އަލީ ރަޝީދުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި، އޯޑިއޯ ލީކުވެގެން އުޅޭ ގާޒީ މުހައްމަދު ސަމީރުއާއި، ގާޒީ އަލީ އާދަމްއާއި، ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާގައި ދަށު ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އެ މައްސަލައިގެ ޝަރީއަތް ކުރިއަށް އެބަ ދެއެވެ. ރައީސް ޔާމީން އާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެދެނީ އޯޑިއޯތަކުގެ ތަހުގީގު ނިމެންދެން ރްއީސް ޔާމީންގެ ޝަރީއަތް މަޑުޖައްސާލުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބުދުﷲ

    އޯޑިއޯވެސް ގޯސް ހުރިހާވެސް މައްސަލަޔަކީ ދިގު30 އަހަރުގަ އުފެދުނު އެއްމެންނަކީ ޚިޔާނާތް ތެރިންނަށްވުން . މީގައުމަކައް ދެވޭނެ އެއްމެ ބޮޑު ގެއްލުން !!!!!....... ޑުރަގު ރިޝްވަތު ނާއިންސާފު އަމިއްލަނަފްސުގެ އިހުތިރާމް ގައުމުގެ ޝަރަފު .!!!!! ކޮބައިކަންވެސް ނޭގޭ އިންސާނުންތަކެއް!!!!