ހއ. ފިއްލަދޫއާ ގުޅިފައި އޮންނަ ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށް ގެންދިއުމަށް ގޮވާލައި ފިއްލަދޫގެ 467 މީހުންގެ ސޮޔާއެކު އެ ތައްޔާރު ކުރި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއަށް ޕެޓިޝަން ހަވާލު ކުރުމަށް ފަހު، މަޖިލީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކޮށް މި ކަމުގައި އިސްކޮށް އުޅޭ މުހައްމަދު ވަހީދު ބުނީ އެ 467 މީހުން ސޮއިކުރީ ކަރުދާސް ގަނޑުގައިވާ ޕެޓިޝަންގައި ކަމަށެވެ.

މުހައްމަދު ވަހީދު ބުނި ގޮތުގައި ކަރުދާސް ގަނޑުތަކުގެ ޕެޓިޝަންގައި ސޮއިކުރުމުގެ އިތުރުން އޮންލައިން ޕެޓިޝަނެއް ވެސް ކުރިއަށް އެބަދެއެވެ. އެ ޕެޓިޝަން އަދިވެސް ކުރިއަށް ގެންދާނެ ކަމަށް މުހައްމަދު ވަހީދު ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވެސް ޕެޓިޝަން އަރުވާނެ ކަމަށް މުހައްމަދު ވަހީދު ބުންޏެވެ. މި ގޮތުން މިއަދުގެ ވަގުތެއްގައި އެ ކަމަށް އެޕޮއިންޓްމަންޓް ލިބޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މި ކަމުގައި ސިޔާސީ ކުލައެއް ޖައްސަން ބޭނުން ނުވާތީ، ފިއްލަދޫ ރައްޔިތުން ވެސް ބޭނުންވި ގޮތަށް އަޅުގަނޑުމެން އެދުނީ މަޖިލީހުގެ ރިޔާސަތުގައި މި ޕެޓިޝަން މަޖިލީހަށް ގެންގޮސްދޭން، ދެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ ކަމަށް އިޖާބަ ދީފައި،" މުހައްމަދު ވަހީދު ބުންޏެެވެ.

ދައްޕަރު ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

މި ކެމްޕޭންގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބައިވެރިވާއިރު، އެ ޖަމިއްޔާގެ އައުޓްރީޗް މެނޭޖަރު ޝާޒިޔާ އަލީ ވިދާޅުވީ ދައްޕަރުގެ މައްސަލާގައި ކަންކަން ނިމިގެން އަންނަނީ ޑިމޮކްރެޓިކް ހަމަތަކާއި ލާމަރުކަޒީ ނިޒާމުގެ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

"ރައްޔިތުން މި ކަމުގައި އިހްތިޖާޖް ފެށިތާ ވެސް ދުވަސްތަކެއް ވެއްޖެ، ރައްޔިތުންނާ އެއް ގޮތަކަށް ވެސް މަޝްވަރާ ނުކޮށް، ފިއްލަދޫގެ ރައްޔިތުންނަށް މި ގޮތަށް ވަމުން ދާތީ، މާދަމާ ކޮންމެ ރަށެއްގެ މީހަކަށް ވެސް މި ގޮތަށް ދިމާވެދާނެތީ ޓްރާންސްޕޭރެންސީން މި ކަމުގައި ބައިވެރިވާން ނިންމީ،" ޝާޒްލީ ވިދާޅުވިއެވެ.

ދައްޕަރު ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ - ވަގުތު އިމޭޖަސް: އަހްމަދު މަމްދޫހް

ފިއްލަދޫއަކީ ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ތަފާތު ރަށެކެވެ. ރަށުގެ އުތުރަށް އޮންނަނީ "ދައްޕަރު" ކިޔާ މީހުން ދިރިނޫޅޭ ފުޅާ ސަަރަޙައްދެކެވެ. ފެށުނީއްސުރެން ވަކި ރަށެއްގެ ގޮތުގައި އެ ރަށް ކިޔައި އުޅޭއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެއީ ވަކި ފަޅު ރަށެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅިއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިހްތިސޯސްގެ ހިމެނޭ ސަރަހައްދެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކުން ފުރަތަމަ ކަނޑައެޅުއްވިއެވެ. އެކަމަކު ފަހުން ގަރާރުން އެ ބައި އުނިކޮށް ފިއްލަދޫގެ އިހްތިސޯސްއިން ދައްޕަރު ނެގިއެވެ.

މީސް މީޑިއާގައި "ސޭވް ދައްޕަރު" ނަމުގައި މީސް މީޑިއާ ކެމްޕޭނެއް ވެސް ދަނީ ކުރެވެމުންނެވެ. ފިއްލަދޫ ކައުންސިލްގެ އިހްތިސޯސުން ދައްޕަރު ވަކިކޮށްފައިވަނީ އެ ރަށު ކައުންސިލާއި ރަށު ރައްޔިތުންނާއި، އެ ސަރަހައްދު ހިމެނޭ ހއ. އަތޮޅު ކައުންސިލްގެ މަޝްވަރާއެއް ހޯދުމެއް ނެތިއެވެ.

ހއ. ދައްޕަރު މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ލާމަރުކަޒީ ގާނޫނުގައި ބުނާ ގޮތުން އަތޮޅުގެ ފަޅުތަކާއި ފަރުތަކާއި ފަޅު ރަށްތައް ފަދަ ގުދުރަތީ ވަސީލަތްތައް ބޭނުން ކުރާނެ ގޮތެއް ސަރުކާރަށް ކަނޑައެޅޭނީ އަތޮޅު ކައުންސިލާ މަޝްވަރާކޮށްގެންނެވެ. އަދި އަތޮޅުގައި ހިމެނޭ ހުރިހާ ގުދުރަތީ ވަސީލަތަކީ އެ އަތޮޅެއްގެ ކައުންސިލްގެ އިހްތިސޯސްގައި ހިމެނޭ ވަސީލަތްތަކެއް ގޮތުގައި ވެސް ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައި އޮވެއެވެ.

ފިއްލަދޫގެ މީހުން ދިރިނޫޅޭ ސަރަހައްދު ވަކިކޮށް "ދައްޕަރު" ސަރަހައްދު ފަޅު ރަށެއްގެ ގޮތުގައި 2010 ވަނަ އަހަރު ކަނޑައެޅީ ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓު އަޅައިދޭ ބަޔަކަށް ދައްޕަރުގައި 50 ލަގްޒަރީ ވިލާ އެޅުމަށް ދިނުމަށް ކަމަށް ބުނެއެވެ. އެކަމަކު ނަޝީދުގެ ވެރިކަން ނިމި، ދެން އައި ސަރުކާރުތައް ހިނގައި ދިޔައި ވެސް އެ ކަން ތަންފީޒުނުކޮށެވެ.

އެ މަސައްކަތް ނުފެށި އުޅެނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ސަރުކާރުގެ ވިސްނުމަކަށް އޮތީ ދައްޕަރުގައި އަގުބޮޑު ގެތަކެއް އެޅުމަށް ފަހު، އެ ގަންނަ ބިދޭސީންނަށް ރެސިޑެންސީ ވިސާ ދޫކުރުމެވެ. "ސެކަންޑް ހޯމް ޓޫރިޒަމް" ނަމުގައި އިއުލާން ކުރި އެ މަޝްރޫއު ވެސް މިހާތަނަށް އައިއިރު އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލލ

    ރައްޔިތުންނަށް ހިދުމަތެއް ނުލިބޭ އަބަދު ޕެޓިޝަން ހުށަހެޅުން ވާކަމެއްނޯވޭ، މުޅިންވެސް އުޅެނީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !