މާލޭ ރަސްފަންނަށް ލީކްވެފައިވާ ތެޔޮތައް އެއްކޮށް ސާފުކޮށްފައިވީނަމަވެސް، އަދި ބޭނުން ނުކުރެވޭނެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

ރަސްފަންނަށް ތެޔޮ ޖަމާވުމާ ގުޅިގެން އެސަރައްދު ބަންދު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ. އެވަގުތު މޫދަށް އެރި ތިބި މީހުން ބާލުވައި، ފުލުހުންނާއި ސިފައިން ވަނީ އެއްގަމާއި މޫދު ބަލައި ފާސްކޮށްފަ އެވެ. އަދި ސިފައިން ވަނީ އެ ސަރަހައްދުން ތެޔޮތައް ނެގުމުގެ މަސައްކަތް ފަށައިފައެވެ.

އެސަރަހައްދަށް ތެޔޮ އެޅުނު ގޮތާއި ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް، ވިދާޅުވީ، އާއްމުކޮށް އެކަހަލަ ހާދިސާތައް ހިނގަނީ ބަޔަކު މީހުންގެ ފަރުވާ ކުޑަކަމުން ކަމަށާއި ބައެއް ފަހަރު ގަސްތުގައި ކުރާ ކަންކަމުން ވެސް އެކަހަލަ ހާދިސާތައް ހިނގާ ކަމަށެވެ.

އީޕީއޭއިން މިއަދު ބުނީ، ރަސްފަންނަށް އެޅުނު ތެޔޮތައް އެއްކޮށް ސާފްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ގޮނޑުދޮށް އާއްމުންނަށް ހުޅުވާލާނީ އެމްޑަބްލިވްއެސްސީން ކުރިއަށްގެންދާ ފެނުގެ ތަހުލީލުތަކަށް ފަހުގައި ކަަމަށް އީޕީއޭއިން ބުނެފައި ވެއެވެ.

ރަސްފަންނު މޫދަށް ތެޔޮ އެޅުނު ގޮތާއި ގުޅޭ ގޮތުން މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އެތަނަށް ތެޔޮ އެޅިފައި ހުރީ ރަސްފަންނު ނެރުމައްޗަށް ލައްވި ކަޅު ތެޔޮ ފީފީއަކުން ކަމަށެވެ.