ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އަށް ފިރިހެނުން ދިޔަ ކަމަށް އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި ރޭ ކުރިއަށް ދިޔަ ފޯރަމެއްގައި ބައިވެރިވެވަޑައިގެން ސްމިތް ވިދާޅުވީ އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ރައީސްގެ އަރިހަށް ވަޑައިގަތީ ސްމިތް ހިމެނިވަޑައިގަންނަވާ ގޮތަށް 12 މީހަކު ކަމަށެވެ. އެއީ އަށް ފިރިހެނުންނާއި ހަތަރު އަންހެނުން ކަމަށެވެ.

މީގެ ކުރިން އަޑު ފެތުރިފައި އޮތް ގޮތަކީ ވެސް އަލީ ވަހީދުގެ ޝަކުވާ ހިފައިގެން ޖެންޑާ މިނިސްޓަރާއެކު ރައީސްއާ ބައްދަލު ކުރައްވަން ވަޑައިގަތީ 13 އަންހެނުން ކަމަށެވެ. މި ވާހަކަ ސްމިތް ރޭ ދޮގު ކުރެއްވިއެވެ.

ސްމިތް ވިދާޅުވީ އެ ދުވަހުގެ ކުރިއަށް އަލީ ވަހީދާ ގުޅޭ ގޮތުން އެފަދަ ވާހަކައެއް އަޑު އަހާފައި ނުވާ ކަމަށެވެ. އަދި އެފަދަ މަންޒަރެއް ވެސް މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ ތެރެއިން ނުފެންނަ ކަމަށެވެ.

އެ ފޯރަމްގައި އާންމުންގެ ގިނަ ބަޔަކު ސްމިތްއާ ސުވާލު ކުރަން ފެށުމުން އޭނާ ވިދާޅުވީ އިތުރު ވާހަކަ ދެއްކެން އޮތީ ދެން ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާ އެ ފޯރަމް ދޫކުރައްވައި ވަޑައިގަތީ ސަރުކާރުގެ އިސް ބޭފުޅަކު ގުޅުއްވައި އެ ގޮތަށް އެންގެވުމުންނެވެ.

ސްމިތް މި ގޮތަށް ވާހަކަ ދައްކަވާފައި މި ވަނީ، އަލީ ވަހީދު ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ރައީސް އޮފީހަށް ވާހަކަތައް ހިފައިގެން ދިޔައީ ގިނައިން ފިރިހެނުން ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އަލީ ވަހީދަށް ކުރާ ޖިންސީ ކުށުގެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.

އަލީ ވަހީދު ވިދާޅުވާ ގޮތުންނަމަ، އެ ތުހުމަތުތަކަކީ އޭނާ ފްރޭމް ކުރަން ކުރި ކަމެއް ކަމުގައި ވިދާޅުވެއެވެ. އެ ކަމުގެ ފަހަތުގައި ތިއްބެވީ އެމްޑީޕީގެ ބައެއް ބޭފުޅުން ކަމުގައި އަލީ ވަހީދު ވިދާޅުވެއެވެ. އެއީ އއ. އުކުޅަހުގައި އޮތް އެމްޑީޕީގެ ކޮންގްރެސްގައި "ބަޣާވާތް ކުރި" ބައެއް ކަމަށް އަލީ ވިދާޅުވެއެވެ.

ސަރުކާރުގެ ބައެއް ވަޒީރުންގެ ނަންތައް ވިދާޅުވި ނަމަވެސް މި ކަންކަމުގެ ފަހަތުގައި ތިއްބެވި ބޭފުޅުންގެ ސީދާ ނަމެއް ވިދާޅެއް ނުވެއެވެ. އެއް ނަމަކަށް އިތުރަށް ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ނަމެވެ. އެއީ ވެންޓިލޭޓަރުތަކުގެ ޚިޔާނާތް ހިނގިއިރު ފައިސާ ދޫކުރެއްވީ އިބްރާހީމް އަމީރު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ފަހުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް "ކަޅު ދަބަހެއްގައި" ގެންދެވި ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރާވަޑައިގަންނަވަން ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީޑު އެ ހުއްދަ ދެއްވީ ހަތަރު މަސް ދުވަހުގެ އެއްބަސްވުމަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. އަޑުބަރޭ ޖާމިނުވާ ގޮތް ހެދުމަކީ ވެސް ދައުލަތުން ބޭނުންވި ގޮތެއް ކަމަށާއި އޭނާ ވެސް ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށް އަލީ ވަހީދު ރޭ ވިދާޅުވިއެވެ.

އެ މުއްދަތު ހަމަވި ފަހުން އަލީ ވަހީދު އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވަޑައިގެން ޝަރީއަތް ގެންދަވަން ނިންމެވިއެވެ. އަޑުބަރޭއަށް ފިޔަވަޅެއް އަޅަން ވެސް ކްރިމިނަލް ކޯޓުން ނުނިންމަވައެވެ. އެ ކަން އެ ގޮތަށް ނުވާނެ ކަމަށް ވިދާޅުވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔައެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހާޒިރުވާން އަލީ ވަހީދަށް ނޯޓިސް ދިނެވެ. އެކަމަކު ކޯޓަށް ހާޒިރުނުވުމުން އެ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅައި އަލީ ވަހީދުގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް ސުޕްރީމް ކޯޓުން އިއްވިއެވެ. އިނގިރޭސިވިލާތުގައި އަލީ ވަހީދު ހައްޔަރު ކުރީ ސުޕްރީމް ކޯޓުން ޖަލު ހުކުމް ވެސް އިއްވި ފަހުންނެވެ. މިދިޔަ މަހުގެ 25 ވަނަ ދުވަހު ޖަލަށް ގެންދިޔަ ފަހުން ޖަލުން މިނިވަންވީ މި މަހުގެ ނުވަވަަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޕަލް

    އަމިއްލައަށް އިއުތިރާފުވެ މިއޮތް ފަޅާއަރަނީ އަލީ ވަހީދު ހަމަ ޕްރެސް ބާއްވާ ވާހަކަ ދައްކާއިރަށް

  2. ސާލިހްގެ ޕީ

    ސާލިޙޫ ކޮބާ އަލިޕީ ވަކިކުރާކަށް ނުވޭ.