ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަހެރިކުރަން އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކުއްލި މައްސަލަ އެޖެންޑާ ނުކުރީ ގަވާއިދަށް ނުފެތޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ އެޖެންޑާނުކޮށް މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހުރި އެހެން ކަންކަން ކުރިއަށް ގެންދިޔައެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވި ގޮތުގައި އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ނުކުރީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ ކުއްލި މައްސަލައަށް އެ މައްސަލަ ނުފެތޭތީ ކަމަށެވެ.

އެ މައްސަލަ މަޖިލީހަށް ގެނެސްފައި މި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނަވަނިކޮށް، އޭރު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްއެމްޕީއާރުސީ ޚިޔާނާތުގެ 35 މިލިއަން ރުފިޔާ ގެންދެވި ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެނެވެ. މިއީ މީގެ ކުރިން ތުހުމަތު ކުރެވުނު މައްސަލައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާ މެދު މިފަދަ ބޮޑު ތުހުމަތެއް ކުރެވެމުންދާތީވެ މިނިވަން އިންސާފުވެރި ތަހުގީގަކަށް މަގުފަހި ކުރުމަށް ޓަކައި، ތަހުގީގު ނިމެންދެން ރައީސްގެ މަސްއޫލިއްޔަތުތަކުން ރައީސް ސޯލިހް އެކަހެރި ކުރުމަށް ވެސް އެ މައްސަލާގައި ގޮވާލައްވާފައިވެއެވެ.

ރެހެންދި ފްލެޓުން ރައީސް ސޯލިހް އެމްއެމްޕީއާރްސީގެ ފައިސާއާ ހަވާލުވި ކަމަށް 2019 ވަނަ އަހަރު ވެސް "ވަގުތު" ގައި ރިޕޯޓް ކޮށްފައި ވެއެވެ. އަދީބު ޓްއަރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ސަރުކާރުން ގާނޫނުތަކަށް ގެންނަން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށާއި އަދީބު ނައިބު ރައީސް ކަމަށް އައުމަށް ގާނޫނު އަސާސީއަށް އިސްލާހް ކުރުމަށް ވެސް އަދީބު އެމްޑީޕީގެ މެންބަރުންނަށް ފައިސާ ދިން ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވިފައި ވެއެވެ. ފުލުހުންނާއި އަދި ދައުލަތުގެ އެހެން އިދާރާތަކުން ކޮށްފައިވާ ތަހްގީގުތަކަށް ވެސް ވަނީ އެކަމަށް ބާރު ލިބޭ ގިނަ ހެކިތަކެއް ލިބިފައެވެ.