މިހިނގާ 2021 ވަނަ އަހަރުގެ ޖޫން މަހު އެޗްއެސްސީގެ ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށަން ތައްޔާރުވެއްޖެއެވެ

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ޖޫން މަހުގައި އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެެރެއިން ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ ޓީޗަރ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށެވެ.

އިމްތިހާން ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް އެ ޑިޕާޓްމަންޓަށް އެދި ހުށައެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެ ކަމަށް ބުނެފައިވެއެވެ.

އެ ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ އަންނަ ހަފްތާ ހޯމަ ދުވަހުން ފެށިގެން އެ ޑިޕާޓްމަންޓުގެ ކައުންޓަރުން ހެނދުނު 08:30 އިން 13:30 އަށް ދޫކުރާނެ ކަމަށް ބުނެފައި ވެއެވެ.

އަދި އެ ޑިޕާޓްމަންޓުން ބުނީ އާންމުކޮށް އެޗްއެސްސީ ގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ވާ އާދީއްތަ ދުވަހުގައި ކަމަށެވެ.

މިއަހަރުގެ އެޗްއެސްއީ އިމްތިހާނުގައި 1331 ދަރިވަރުން ބައިވެރިވެފައިވާއިރު މާލެ ސަރަހައްދުގެ ހަ ސެންޓަރަކާއި، އަތޮޅު ތެރޭގެ 33 ސެންޓަރެއްގައި މި އިމްތިހާނު ކުރިއަށްގޮސްފައި ވެއެވެ. މި އިމްތިހާނުގައި މާލެ ސަަރަހައްދުން 878 ދަރިވަރަކާއި، އަތޮޅުތަކުން 453 ދަރިވަރަން ބައިވެރިވެފައިވެއެވެ.