ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތަކުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ބައެއް ކަންކަމުގެ ވާހަކަތައް ދައްކަން ޖެހޭތީ އެ ބައިތައް ސިއްރުން ގެންދަން ފަށައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އަދި ކުރިއަށް ދިޔައ އަތަމާ ޕެލެސް ތެރޭގައި ހުރެ، ނަޝީދު ކާރުކޮޅަށް ވަޑައިގަންނަވަނިކޮށް ކައިރީ ހުރި ސައިކަލުގައި ހަރުކޮށްފައިވާ ބޮން ގޮއްވާލަން ރިމޯޓް ބޭނުން ކުރި އަދުހަމްގެ ޝަރީއަތެވެ.

މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވިދާޅުވެފައިވާ ގޮތަށް، މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތާއެކު އަދުހަމް އެކުލަވާލާފައިވާ އިއުތިރާފް އެއްބަސްވުމުގައިވާ ގޮތަށް އޭނާއަށް ކުރާ ދައުވާތަކަށް އިއުތިރާފްވެފައެވެ.

އެއަށް ފަހު ގައުމީ ސަލާމަތާއި ގުޅުން ހުރި ގިނަ ކަންކަން ފާހަގަ ކުރަން ޖެހޭތީ ދައުލަތުން ވަނީ އަޑުއެހުން ސިއްރުކޮށްދޭން އެދިފައެވެ. އެ ގޮތުގެ މަތިން މައްސަލަ ބައްލަވާ ފަނޑިޔާރުން ވެސް ވަނީ އެ ގޮތަށް ގެންދަން ނިންމަވައި ޝަރީއަތް ސިއްރުކޮށްފައެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުން ވިދާޅުވި ގޮތުގައި އެ މައްސަލައިގައި ސިއްރުން ގެންދާނީ އެ ބައިތައް އެކަންޏެވެ. އެ ބައިތައް ނިމުމުން އަނެއްކާ ވެސް ނޫސްވެރިން އަޑުއެހުމަށް ވައްދާނެ ކަމަށެވެ.

މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފަނޑިޔާރު އާދަމް މުހައްމަދުއާއި، ފަނޑިޔާރު ސޮފްވަތު ހަބީބްއާއި، ފަނޑިޔާރު މުހައްމަދު މިސްބާހްއެވެ.

އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ނިރުބަވެރި ހަމަލާއެއް ދިން ކަމުގެ ކުށުގެ ދައުވާއާއި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ. އެއީ 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެކެވެ. އަދުހަމްގެ މައްޗަށް އުފުލަން ނިންމި އިތުރު ދައުވާތަކެއް ނުކުރަން ނިންމީ ދައުލަތާއެކު އޭނާވެފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.