ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބަލަން ފައިގައި ހަރު ކުރެވޭ ގޮތަށް ހުންނަ "މޮނިކޮން ޓެގް" އަދި ނުލިބޭ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިން ތާރީޚާ ގުޅުވައި "މޭ ހައެއް" ނަމުގައި އެމްޑީޕީން އެކުލަވާފައިވާ ކޮމިޓީން ފުލުހުންނާ ހަވާލާދީ ވިދާޅުވެފައިވާގޮތުން މޮނިކޮމް ޓެގް ހުރީ ހުސްވެފައެވެ.

އެކަމަކު އެންމެ ފަހުގެ މައުލޫމާތު ހޯދާލަން ގުޅާލުމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސަބާހު ވިދާޅުވީ އެކަށީގެންވާ ވަރަށް ޓެގް ނެތް ކަމުގައިވިޔަސް މޮނިކޮމް އަމުރުތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"މޮނިކޮން ޓެގް" އަކީ ހޯމް މިނިސްޓްރީއާ ގުޅިގެން ގެންނަ އެއްޗަކަށްވާތީވެ އެ މިނިސްޓްރީއަށް ބޭނުންވާ "އެކްސްޕަޓީީޒް" ފުލުހުން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އުއްމީދުކުރަނީ ކައިރި މުސްތަގުބަލެއްގައި މޮނިކޮން ޓެގް ލިބިގެންދާނެ ކަމަށް" ޔޫނުސް ވިދާޅުވިއެވެ.

މޮނިކޮން އަމުރު ނެރެގެން ކުރިންވެސް ބައެއް މީހުންގެ ފައިގައި ފުލުހުން ޓެގް އެޅުވިއެވެ. ކުރީގެ ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރުގެ ދުވަސްވަރު ޓެގް އަޅުވަން ފެށުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ އެކަން އޭރު ހުއްޓުނެވެ. މޮނިކޮން އަމުރުގެ މުއްދަތަކީ އެއް އަހަރެވެ.