މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކުގައި ހައްލުތަކާ ހަމައަށް ދިއުމަށް މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން ދުނިޔޭގެ ހުރިހާ ދައުލަތެއް ވެސް އެއްބަސްވެވޭން ޖެހޭނެ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ތަގުރީރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލަހައްޓަވަމުން ގެންދަވާ ތާރީޚީ މި ދުވަހުގައި ރައީސް ސޯލިހް ވިދާޅުވީ ފާއިތުވި 16 އަހަރު ތެރޭގައި މި މަޖިލިސް އެއްވެ ބައިނަލް އަގްވާމީ މުޖުތަމައަށް ކުރިމަތިވި އެތައް މައްސަލައާ މެދު ބަހުސްކޮށް ހައްލުތަކެއް ގެނައުމާ މެދު މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.

ނަމަވެސް ކޮވިޑް-19 ގެ އާލަމީ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވި ފަހުން އިންސާނިއްޔަތު ފަހަށް ޖައްސާފައިވާ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ މައްސަލަތައް ވެސް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"މި ކަންކަމުން އަރައިގަތުމަށް ދުނިޔެ އެއްތަންވެ އެއްބަސް ކިޔަން ޖެހޭ. އިތުރު ހިތްވަރާ ޢަޒުމުން އަމާޒެއް ހޯދަން ޖެހޭ، މުޅި ބައިނަލް އަޤުވާމީ މުޖުތަމަޢުގެ އެއްބާރުލުމަށް އަޅުގަނޑު ގޮވާލަން. އަދުގެ ރިޔާސަތުގެ ދުސްތޫރުގައިވާ ފައިވްރެސް އޮފް ހޯޕަކީ އުންމީދު،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދުނިޔެއަށް ދިމާވި އާލަމީ އިގްތިސާދީ ތަދުމަޑުކަމުގެ މައްސަލަތަކުގައި ވެސް ދުނިޔޭގެ ހުރިހާ ދައުލަތަކުން އެއްބަސްވެވޭނެ ކަންކަމަށް އަންނަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުދި ޖަޒީރާތަކަށް އައިސްދާނެ ކަމަށް މިއަދު ބެލެވުނު ނަމަވެސް މާދަމާ އެ ސަބަބު ބޮޑެތި ބިންތަކުގެ ގައުމުތަކަށް ވެސް އައިސްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ވިސްނުމުގައި ބަހައްޓައި އެންމެން އެއްބަސްވެގެން އެ ކަމަށް ހައްލު ގެންނަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަހު

    ލާދީނީ ޕޮރުފެގެންޑާ ފަތުރަން އެއްބައިވާންވީ ތީ ދެ ޣައްދާރުން މިގައުމުގެ ޙާލަތު އދ ކިޔައިދީބަލަ ވެރިކަން ނުލިބިގެނ

  2. ހުސޭނުބޭ

    އެމްއެމްޕީއާރުސީން ކަށްވާލި 35 މިލިއަން ރުފިޔާ އެއްތަންކުރަން އުޅެމާ ބަހީ!

  3. ޖުއްބާ

    މީދެން ކާކު ދުނިޔެ އެއްތަންވާން ގޮވަން... ފުރަތަމަ ތިމާމީހާގެ އަމިއްލަ ގައުމު ކޮރަޕްޝަނުން ތައްނުތަޅުވަ އިސްލާހުކޮއްބަލަ. މިކަހަލަ ދިޔުޅިއެއްނުވާ ވެރިން ތިބި ހުރިހާ ގައުމެއް އޮންނާނީ ރާއްޖެހެން އެކޮޅުކޮޅުން..

  4. ނަޒީ

    އދ އުފެދުނިއްސުރެ މިހާތަނަށް ، އެންމެ ތަންދޮރުނުފިލާ ނުކިޔަވާހުރި ރައީސް އދ ގައި ތަޤުރީރުކޮށްފިއެވެ.