ރާއްޖޭގެ އާބާދީގެ %85 މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އދ.ގެ އާއްމު މަޖިލީހުގައި މިރޭ ދިވެހި ބަހުން ކުރެއްވި ތަގުރީރުގައި ރައީސް ވަނީ މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19އިގެ ބަލިމަޑުކަމަކީ ކުދި ބޮޑު ހުރިހާ ގައުމަކަށް ވެސް ދިމާވެފައިވާ ހައްސާސް މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އެ ވަބާއިން ސަލާމަތްވާން ގައުމުތަކުން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ހައްލަކީ ވެކްސިން ކަމަށް ވާއިރު ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، . --- ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ރާއްޖެ އަށް ކުރާ އަސަރު ކުޑަ ކުރުމަށް ކުރި މަސައްކަތްތައް ފަށަން ޖެހުނީ ސުމަކުން ކަމަށް ސިފަކުރައްވާ ރައީސް ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކާ ޒަމީރު ނޭދޭ ކިތަންމެ ކަމެއް ކުރަން ޖެހުނު ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަންނަ ގޮތަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަކީ އުނދަގޫ ނިންމުމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ހާލަތާއި ކުރިމަތިލާ، އެ ބަލީގެ ސަބަބުން ދިމާވެދާނެ ކަމަކަށް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ރާއްޖެ އިން ތައްޔާރުވަމުން އައި ކަމަށާއި، ޒަރޫރީ ތަކެތި ގުދަންކުރުމާއި، ވޮލެންޓިއަރުން އިތުރުކުރުމުގެ އިތުރުން ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ވެކްސިން އާއި ގުޅޭ އަދާހަމަތައް ރައީސް ހިއްސާކުރެއްވިއެވެ.

"އެ ދުވަހު ގައުމުލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފަ. އަޅުގަނޑު މިއަދު މިތާހުރެ މިވާހަކަ ދައްކާއިރު ވެކްސިން ޖެހޭ އުމުރުފުރާގެ 95 އިންސައްތަ އަށްވުރެ ގިނަ ކިޔަވާ ކުދިންގެ ވެކްސިން ފުރިހަމަ ވެއްޖެ. އަދި ރާއްޖޭގާ ދިރިއުޅޭ އާބާދީގެ 85 އިންސައްތަ އަށްވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފި ސްކޫލްތައް ފެށިއްޖެ. ވިޔަފާރިތައް ހިނގައިގެންފި. ބޯޑަކާއެކު ރިސޯޓުތައް ހުޅުވިއްޖެ." ރައީސް ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މިހާތަނަށް 390،965 އށް ވުރެ ގިނަ މީހުން ފުރަތަމަ ޑޯޒު އަދި 331،405 މީހުންނަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. އަދި ކޮވިޑް-19 އިން ދިފާއުވާ ޖަހާ ވެކްސިން، 22،093 ދަރިވަރުން ފުރިހަމަކޮށްފިއެވެ.

ކ.އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ދަރިވަރަކަށް ވެކްސިން ދެނީ، ފޮޓޯ: ކ.އޭއީސީ

ރާއްޖޭގައި މިހާރު ސްކޫލްތަކަށް ވަދެ ނިކުމެވޭނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. ސްކޫލުގައި މަސައްކަތްކުރާ އެންމެން ވެސް ވީހާ ވެސް އަވަހަކަށް ވެކްސިން ޖެހުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ވެކްސިން އޮގަސްޓް މަހުގެ ނިޔަވަލަށް ފުރިހަމަ ނުކުރާ މީހުންނަށް ސެޕްޓެމްބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް ކުރިން ނިންމިއެވެ. އެގޮތުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ރެސްޓޯރެންޓްތަކާއި، ފިހާރަތަކާއި ޖިމްތަކަށް ވެސް ނުވަދެވޭ ގޮތަށް ހަމަޖައްސަން އޭރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ.

ނަމަވެސް އިކޮނަމިކް މިނިސްޓްރީން ފަހުން ކުރި އިއުލާނެއްގައި ބުނީ ސެޕްޓެމްބަރު އެކަކުއިން ފެށިގެން ފިޔަވަޅު އަޅަން ވާނީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަނުކުރާ ފަރާތްތަކާއިމެދު ކަމަށެވެ. އެގޮތުން އަޅަން އެންގި ފިޔަވަޅުތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި (އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުނި، ޕާރޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ) ތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމާއި އަދި ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކުން، ޕީ.ސީ.އާރ ޓެސްޓް ހަދައިގެން މަސައްކަތަށް ނުކުތުމަށް އެންގުން ހިމެނެއެވެ.

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އަދި އިމްޕޯޓް މުދާ ވިއްކާ ތަންތަނުން އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ފޯރުކޮށްދިނުމުގައި ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އިސްކަންދިނުމަށް އެންގުމާއި ކުރިން އަންގާފައި އޮތީ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ދީގެން ނުވާނެ ކަމަށް އެ ވުޒާރާއިން އެންގެވިއެވެ.

ހަމައެހެންމެ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން، ޚިދުމަތް ހޯދާ ފަރާތަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތެއްނަމަ، ޚިދުމަތް ނުދިނުމަށް މިއަދު ވަނީ އަންގާފައެވެ. ކުރިން ނިންމާފައި އޮތީ ވެކްސިންގެ ދެޑޯޒް ނުޖަހާނަމަ ޖިމްތަކާއި ސެލޫން ފަދަ ވިޔަފާރިތަކުން ހިދުމަތް ދީގެން ނުވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަޅ

    ރައްޔިތުންގެ އަސާސީ ޙައްގުތަކަށް އަރައިގަނެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ނުވިތާކަށް މަޖުބޫރު ކޮށްގެން ތިޔަކަމެއް ކުރީ. މާ ބޮޑާވެފަ 80 ޕަސެންޓް މީހުން ވެކްސިން ޖެހި އޭ ކިޔާނެ ކަމެއް ނެތް. ނާގާބިލް ސަރުކާރު، ލާދީނީ ބައިގަނޑު.