ސަރުކާރުން ހުޅުވާލި "ހިޔާ" މަޝްރޫއުގެ ދަށުން، ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދޭނެ އަދަދު ކަނޑައަޅައިފި އެވެ.

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީގެ ދަށުން، ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދޭ ގޮތަށް ބައެއް އިސްލާހުތަކެއް ވެސް މިހާރު ވަނީ ގެނެސްފަ އެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ 7،000 ފްލެޓްގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ދޭނީ 475 ފްލެޓް ކަމަށް ކުރިން އިއުލާނުކުރި ނަމަވެސް މިހާރު ވަނީ އޭގެ ތެރެއިން 125 ފްލެޓް ޑޮކްޓަރުންނަށް އަދި ނަރުހުންނަށް 350 ފްލެޓް ދޭން ކަނޑައަޅައިފަ އެވެ.

ސަރުކާރު ކުންފުނިތަކުގައި އުޅޭ ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ބަދަލު ގެނެސްފައިވާއިރު ސަރުކާރުން ކުރިން އިއުލާނުކޮށްފައިވާ ގޮތުން، އެ ކެޓަގަރީގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓަށް ކުރިމަތިލެވޭނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުންނަށެވެ.

ދެން އިސްލާހު ގެނެސްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ތައުލީމީ ފެންވަރަށެވެ. ފްލެޓަށް އެދި ކުރިމަތިލާ ފޯމުގައި ކުރިން އޮންނަނީ އެ ދާއިރާއަކުން، ނެޝަނަލް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް، 7، 8، 9 އަދި 10ގެ ސެޓްފިކެޓެއް ލިބިފައިވާނަމަ، ހެޔޮ ފާހަގަ ޖެހުމަށެވެ. އެކަމަކު އިސްލާޙުގެ ދަށުން، ލެވެލް 4،5، އަދި 6ގެ ސެޓްފިކެޓް އޮންނަ ނަރުހުންނަށް ވެސްް ފްލެޓަށް ކުރިމަތިލެވެ އެވެ.

މި އާއި އެކު މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ޑޮކްޓަރެއް ނުވަތަ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރާ ސަރުކާރު ކުންފުނިތަކުގެ މީހުންނަށް ވެސް ފްލެޓަށް ކުރިމަތިލެވޭނެ އެވެ.

ފްލެޓަށް ކުރިމަތިލާ ޑޮކްޓަރުންގެ ތައުލީމީ ފެންވަރަށް ވެސް ބައެއް ބަދަލުތައް ވަނީ ގެނެސް އެގޮތުން ޑޮކްޓަރުންގެ ކްލިނިކަލް ސްޕެޝަލްޓީއަކުން ހާސިލްކޮށްފައިވާ، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ނުވަތަ ބެޗްލާ އޮފް ޑެންޓަލް ސާޖަރީއެއް އޮންނަން ޖެހެ އެވެ.

އަދި އެ ފަދަ ތަނަކުން ހާސިލްކޮށްފައިވާ، ދެ އަހަރަށް ވުރެ ކުރު ނޫން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ފެންވަރުގެ ސެޓްފިކެޓެއް ވެސް، ފްލެޓަށް ކުރިމަތިލާއިރު އޮންނަން ޖެހެ އެވެ.

މި މަހު 31އާ ހަމައަށް ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވާއިރު، މި މަހުގެ އަށަކުން ފެށިގެން، ފޯމު ދޫކޮށް ބަލައި ގަންނާނީ ހައުސިން މިނިސްޓްރީން ކަމަށް އެތަނުން ވަނީ ބުނެފަ އެވެ. އަދި މިހާރު ފޯމު ހުށަހަޅަން ޖެހެނީ ދަރުބާރު ގޭގައި އެކަމަށް ކަނޑައަޅާފައިވާ މޭޒުތަކަށެވެ.

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ދެން ފްލެޓް ދޭން ކަނޑައަޅާފައިވަނީ މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކާއި ގުޅިފަޅާއި ޓާޓާ އިން ފްލެޓް ނުލިބުނު މީހުންގެ އިތުރުން މާފަންނުު ހުޅަނގު ދާއިރާގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބިސާމް

    ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުންވެސް ސިއްހީ ދާއިރާގަ ތަފާތު ޚިދުމަތްދޭ މީހުން އެބައުޅޭ....އެމީހުންނަށް ކުރިނަތި ލެވޭނަމަ ވަރަށް ރަގަޅު... މިސާލަކަށް ލެބޯޓަރީ މަސައްކަތް، ސައިކޮލޮޖިސްޓްސް ފަދަ މީހުން ހިމެނޭ