ފުވައްމުލަކުގެ ދުވަސްވީ ޕެޓްރޯލް ޝެޑަކަށް ދިޔަ މީހެއްގެ ގަޔަށް ޕެޓްރޯލް އެޅި ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި އަންހެންމީހާގެ ގަޔަށް ޕެޓްރޯލް އެޅުނީ އޭނާ ސައިކަލަށް ޕެޓްރޯލް އަޅަން ގޮސް ހުއްޓައެވެ. ވަގުތު ނޫހަށް މައުލޫމާތު ދެމުން އަންހެން މީހާ ބުނީ އޭނާ ހުއްޓިލައިގެން ހުއްޓާ މުޅި މޫނާއި ލޮލަށް ޕެޓްރޯލް އެޅި ގަޔަށްވެސް އެ ބުރައިގެން ދިޔައެވެ. ޕެޓްރޯލް ދިޔަ ވަގުތު އޭނާ ހުރީ އެހެން ތަނަކަށް ބަލައިގެން ކަމުން ގަޔަށް ޕެޓްރޯލް ދިއުމުން ސިއްސައިގެން ދިޔަކަމަށް އޭނާ ބުންޏެވެ.

ޕެޓްރޯލް އަކީ ހަންގަނޑުގައި ޖެހިއްޖެނަމަ ދިލަނަގާ ގިނައިރު ވެއްޖެނަމަ ހަންގަނޑަށް ހީނުކުރާވަރުގެ ގެއްލުންތަކެއް ވާ އެއްޗެކެވެ. މި ހާދިސާގައި އަންހެންމީހާގެ ލޮލަށް ޕެޓްރޯލް އެޅި މޫނާއި އަތްވެސް ފިހުނެވެ. އަދި ޕެޓްރޯލް އެޅުމުގެ ސަަބަބުން ލިބުނު ސިހުމުގައި ހާސްވެ ކަންބޮޑުވިކަމަށްވެސް އޭނާ ބުންޏެވެ.

އެހީވުމަށް އެދުމުން އެތަނުގައި އެވަގުތު ޕެޓްރޯލް އަޅައިދޭން ހުރި ކުއްޖާ ހުރީ ހައިރާންވެގެން ބަލަހައްޓައިގެންނެވެ. ނަމަވެސް އިރުކޮޅެއް ފަހުން ޕެޓްރޯލް ޝެޑުގެ އެތެރެއިން ކުއްޖަކު ބޭރަށް ނުކުމެ ގަޔަށް ފެންޖެހި ކަމަށްވެއެވެ.

ޕެޓްރޯލް ޝެޑްގައި މި ހާދިސާ ހިނގައިދިޔަ ވަގުތު އެތަނަށް ގިނަ ބަޔަކު އެއްވިއެވެ. އަނިޔާލިބުނު މީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އެކުވެރިއެކެވެ. އެމްބިއުލާންސަށް ގުޅައިދިނުމަށްވެސް އޭނާ އެދުނު ނަމަވެސް ޕެޓްރޯލް ޝެޑުން އެކަމަށް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ.

ފުވައްމުލަކުގެ މި ޕެޓްރޯލް ޝެޑްގައި މީގެ ދެ އަހަރުކުރިންވެސް މިފަދަ ހާދިސާއެއް ހިނގާފައިވާކަމަށް އެ ރަށުގެ ރައްޔިތުން މައުލޫމާތުދެއެވެ. ނަމަވެސް އެފަހަރު މީހާއަށް މިވަރަށް ގެއްލުން ލިބިފައި ނުވެއެވެ. އަދި އޭގެ ފަހުން ޕެޓްރޯލް ޝެޑްގައި ބޭނުންކުރާ ތަކެތި ބަދަލުކުރި ކަމަށްވެސް ވެއެވެ.

މި ހާދިސާ އާއި ގުޅިގެން ޕެޓްރޯލް ގަޔަށް އެޅި އަނިޔާލިބުނު ފަރާތުން ވަނީ ފުލުހަށް މައްސަލަ ހުށައެޅުމުގެ އިތުރުން ކޯޓަށް މައްސަލަ ވައްދާފަ އެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވެސް އެފަރާތުން އެދުނެވެ. މިފަދަ ކަމެއް އެހެން ފަރާތަކަށް ދިމާނުވާނެ ގޮތަށް ކަންތައް ވުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށް އެފަރާތުން ބުނެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިކަން ހިނގައިދިޔައީ އެ ޝެޑުގައި ތެޔޮ އަޅަން ބޭނުންކުރި ގަން ހަލާކުވެގެންނެވެ. މިފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ އެއްވެސް ތަމްރީނެއް އެތަނުގެ މުވައްޒަފުންނަށް ދީފައިނުވެއެވެ. އެގޮތުން ފަޔަރ ޓްރެއިނިން ނުވަތަ ފަސްޓްއެއިޑްގެ އެއްވެސް ތަމްރީނެއް ތަނުގެ މުވައްޒަފުންނަށް ދީފައެއް ނުވެއެވެ މިކަން ވަގުތު އިން ވާހަކަދެއްކި އެތަނުގެ ސްޓާފެއް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ޝެޑުގެ ބައެއް އާލާތްތައް ވެސް ވަނީ ވަރަށް ބޮޑަށް ބާވެފައެވެ.

މި ހާދިސާގެ ސަބަބުން އެ ޝެޑުން ވަނީ ކުރިޔަށްއޮތް ތަނުުގައި ކުއްލި ހާލަތެއްގައި އެތަނުގެ މުވައްޒަފުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ދިނުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި މިފަދަ ހާދިސާއެއް ދެން ފަހަރަކު ތަކުރާނު ނުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރަން ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަޙްމަދު ޒަކީ

    ޕޭޓްރޯލް ޝެޑްގެ ބަހެއް ހޯދާލިނަމަ ލިޔުން ފުރިހަމަވީސް.

  2. ެރ

    ކޮބައިތަ ފުވައްމުލަކުގައި ތިބޭ ފަޔަރު މީހުން އެމީހުން ޖެހޭނެ ދޯ ފަަޔަރ ފައިޓިން ކޯސް ބާއްވަން އަދި މުޅި ސަރަހައްދުގެ މައި މަރުކަޒުން ޖެހޭ އެކަން ކުރަން އެމްޑީ އެފްގެ ބަހަކީ ކޮބައިތޯ

  3. އަލިބެއްޔާ

    ހުރިހާ އެންމެންގެ ސަމާލުކަމަށް އެ ފޮޓޯ އަކީ މޫނުގެ ފޮޓޯއެކެވެ. ފޮތިގަނޑަކީ އެއީ ހެނދުމުގެ ބައެއް ނޫނެވެ، އެއީ ބުރުގާ އެވެ.

  4. ާެަަަާެ އެކުވެރިޔާ

    ހޮސްޕިޓަލަށް ދިޔައީ އެކުވެރިޔަކާ އެއްކޮށެއް ނޫން.
    ޓެކްސީއެއްގަ ދިޔައީ .