ތިމާވެއްޓާ ގުޅޭގޮތުން ދިވެހި ކުދިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވި ސިޓީތައް އ.ދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަރުވައިފި އެވެ.

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އެކައުންޓުން ކުރި ޓްވީޓެއްގައި ހއ.އުލިގަމުގެ 11 އަހަރުގެ ކުއްޖެއް ކަމަށްވާ ޒިޔާން ސައުދުﷲ ފޮނުވި ސިޓީއެއްގެ އެއްޖުމްލަ ހިމަނުއްވާފައި ވެއެވެ. އެސިޓީގައި ޒިޔާން ބުނެފައި ވަނީ ދުނިޔެ ހޫނުވުން ހުއްޓުވަން ގުޅިގެން މަސައްކަތް ނުކުރެވިއްޖެނަމަ މާބޮޑަށް ލަސްވެދާނެ ކަމަށެވެ.

އދ.ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސް ސޯލިހް ވަނީ އެސިޓީތަކަށް އިޝާރާތް ކުރައްވާފައެވެ. ރައީސް ސޯލިހް ވިދާޅުވީ ކުދި ޖަޒީރާތައް ނެތިދަނީ މިއަދު އައި ތިމާވެށީގެ ސަބަބުން ކަމުގައިވާނަމަ، ބޮޑެތި ބައްރުތަކުގެ ފަހަތުން ހަމަ އެ ސަބަބު މާދަމާ އަންނާނެ ކަމަށެވެ. ދިވެއްސަކަށް ދިރިނޫޅެވި - ދިވެހިރާއްޖެއަށް ދެމިނޯވެވުނު ދުނިޔެއަކު، އެހެން ޤައުމަކަށް ވަކި އޮވެވޭނެ ކަމުގެ ޔަޤީންކަމެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކުޑަކުދިންގެ ސިޓީތައް ދައްކަވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ޙަޤީޤަތްތައް ކިޔައިދީފައިވާ މާ ސާފު ސާދާ މަޢުޞޫމް ކަރުދާސްތަކެއް އަޅުގަނޑުގެ އަތުގައި އެބަހުރި ކަމަށެވެ.

"މިއީ މި ވާހަކަތަކުގެ ކަންބޮޑުވުމައިގެން ދިވެހި ތުއްތުކުދިން އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. އެކުދިންވެސް ހެދި ބޮޑުވެ ޙަޔާތުގެ އުންމީދުތައް ފުރިހަމަކުރަން އެދޭ ޤައުމުގެ ނާޒުކު ތިމާވެށްޓާ ގުޅޭގޮތުން މި މަޖިލިހަށް ހުށަހަޅައިދިނުން އެދި އަޅުގަނޑަށް ލިޔެފައި ހުރި ސިޓީ. މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ އަންނަން އޮތް ޖީލުގެ ނިދާ. އަޅުގަނޑުމެން އެންމެންވެސް މިއަދު މި އަޑުއަހަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ އުންމީދު އަދި މުޅިން ގެއްލިއެއްނުދޭ. "މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ ދުވަސްވީ ސިޔާސަތުތަކަށް އިންޤިލާބީ ބަދަލެއް ގެނައުން ވަރަށް މުހިންމު. ޤައުމުތަކުން ބޭރުކުރާ ވިހަ މާއްދާތައް މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭ. ފަންނީ ޤާބިލުކަމާ އެކަށޭނަ ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އަގު ލާހިކުވާންޖެހޭ. މިކަމުން ދިފާޢުވުމުގެ ގާބިލުކަމާއި، މާލީ ތަނަވަސްކަން ނެތް ޤައުމުތަކަށް، ތަނަވަސް ޤައުމުތަކުން ކުރާ ހޭދައާއި، ދޭ އެހީ އިތުރުކުރަންޖެހޭ. އަދި ވަކިން ޚާއްޞަކޮށް، އިއާދަކުރަނިވި ހަކަތައަށް ހިޖުރަކުރުމަށް ކުރާ މަސައްކަތް އެއީ ކޮންމެ ދުވަހަކު ކުރާ ކަމަކަށް ހަދަން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިގޮތައް ކުޑަކުދިން ބަތްކައްކާވެސްކުޅޭ

  2. Anonymous

    ތި ސިޓީތައް ދިވެހިބަހުން ހުރިއްޔާ ދިވެހި ސަރުކާރުގެ ޚަރަދުގައި ޝާހިދުއަށް ތަރުޖަމާނަކުވެސް ހަމަޖައްސަންވާނެ ނޫންތޯ؟ ސިޓީތައް އިނގިރޭސިބަހަށް ޓްރާންސްލޭޓްކޮށް ދިނުމަކީވެސް މިސަރުކާރުގެ ޒިންމާއެއް އިންގޭތޯ؟ ދެން ތީގެ ޖަވާބު ހިފައިގެން ވަޑައިގަންނަވަން ދައުވަތުވެސް ދެއްވަންވާނެ. ވެލާ ރިސޯޓުން ސްޓޭ ހަމަޖައްސައިދޭންވެސް ސަރުކާރަށް ގޮވާލަން.

  3. މުހައްމަދު

    ޛޯކް އޮފް ދަ އިޔާރ

  4. މަބޭ

    ދިވެހި ދައުލަތުގެ ބަޖެޓްހުސްކޮއްގެން ސާހިދު ތިޔަތަނައްގިވީ ޑްރާމާކުޅެންތޯ

  5. ކޮންރާއްޖެ

    ސާހިދުމީކޮންގައުމެއްގެމީހެއްބާ ދިވެހިރާއްޖޭގެ މަސްއަލަތައް ވަރައްގަތުންބަލާނެޔޯ