ފިލްމީ ތަރި މަލީހާ ވަޙީދު (މަލް) އަތުން ފެނުނު ޖޫސް ޕެޓީ ކޮތަޅުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ޑައިމޯފިން ހުރި ކަމަށް ފުލުހުންގެ ތަހުލީލުން އެނގިފައިވާ ކަމަށް ދައުލަތުގެ ފަރާތުން ހެކިވެރިޔެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ ފޮރެންސިކް އޮފިސަރު ބުނެފިއެވެ.

މަލް ހައްޔަރުކޮށްފައިވަނީ، އދ.މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާމިގިލިންނެވެ. އެއީ އޮގަސްޓް 2019 ގައެވެ. މި މައްސަލައިގައި މަލްއާ އެކު އިތުރު އަންހެނަކު ހައްޔަރުކުރިއެވެ. އެއީ ހ.ސޯސަންޕްލާވާރ، ފާތިމަތު ރިފްޤާއެވެ. މި ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޑައިމޯފިން ކުރުމުގެ ދެ ދައުވާއެކެވެ. މި ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ މި ޝަރީއަތުގެ އަޑުއެހުމުގައި މަލް އަތުން ފެނުނު ޖޫސްޕެޓީ ކޮތަޅާއި ސެލޯފިން ތަހުލީލު ކުރި ފުލުހުންގެ ފޮރެސިންކް އޮފިސަރު ފާތިމަތު ޝިމްޒާ ހަސަން ހާޒިރުކޮށް އޭނާގެ ހެކިބަސް ނަގައިފައެވެ.

ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ޝިމްޒާ ބުނީ ފުލުހުންގެ ތަހުގީގަށް ނެގިފައިވާ ދެ ހެކި ކަމުގައިވާ ޖޫސް ޕެޓީ ކޮތަޅާއި ސެލޯފިން ތަހުލީލުކުރިއިރު، ޖޫސް ޕެޓީ ކޮތަޅުން ޑައިމޯފިންގެ ބާވަތްތައް ތަހުލީލަށް ފެނިފައިވާ ކަމަށެވެ.

މަލްގެ ދިފާއީ ވަކީލް އިބްރާހީމް ޝިޔާމް ވަނީ ފުލުހުންގެ ތަހުގީގީ ރިޕޯޓާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. މި ގޮތުން ފުރަތަމަ ވެސް އެ ރިޕޯޓްގައި ހަމައެކަނި ބަރުދަނުގެ މައުލޫމާތުތަކެއް އޮތުމުން އެކަމާ މެދު ސުވާލު އުފެއްދިއެވެ.

އޭގެ ޖަވާބުގައި ޝިމްޒާ ބުނީ ފުލުހުން އަމަލު ކުރާ އެސްއޯޕީ ރިޕޯޓް ފޯމެޓްގައި އޮންނަނީ ހަމައެކަނި އެ މައުލޫމާތު އެކަނި ހިމަނަން ކަމުން އިތުރު ކަންކަން ރިޕޯޓްގައި ފާހަގަ ނުކުރާ ކަމަށެވެ. އެހެންވިޔަސް ފުލުހުން އެކުލަވާލާފައި އޮންނަ ވޯކްޝީޓްގައި ފެނުނު މަސްތުވާތަކެތީގެ ބާވަތާއި ފެނުނު މިންވަރު ފާހަގަ ކޮށްފައި އޮންނާނެ ކަމަށް އޭނާ ބުންޏެވެ.

މަސްތުވާތަކެތި ތަހުލީލު ކުރުމުގެ ރިޕޯޓް އެކުލަވާލުމުގައި އދ. ގައި އޮންނަ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް (ޔޫއެންއޯޑީސީ) ގެ ގައިޑްލައިންތަކަށް އަމަލު ކުރިތޯ ވެސް ދިފާއީ ވަކީލް އެއްސެވިއެވެ. އޭގެ ޖަވާބުގައި ޝިމްޒާ ވަނީ އެއަށް ރިއާޔަތްކޮށްފައި އޮންނާނެ ކަމަށް އޭނާ ބުނެފައެވެ.

މީގެ އިތުރުން ވެސް ރިޕޯޓްގައި ދެ ގްރާފެއް އޮތުމުންނާއި ދެ ގްރާފަކީ ކޮބައި ކަން ސުވާލުކޮށްފައިވެއެވެ. އަދި ފާހަގަވާ އިތުރު ކަންކަން ލިޔަން ރިޕޯޓް ފޯމެޓްގައި އޮންނަ ގޮޅީގައި އިތުރު އެއްވެސް ކަމެއް ލިޔެފައި ނެތުމުން އެކަމާ ވެސް ދިފާއީ ވަކީލް ސުވާލު ކުރިއެވެ.

އޭގެ ޖަވާބުގައި ފުލުސް އޮފިސަރު ބުނީ، މަތީ ގްރާފްގައި ހިމަނާފައި އޮންނާނީ ކޮތަޅުން ފެނުނު އެހެން ބާވަތްތައް ކަމާއި ތިރީ ގްރާފް ހިމަނާފައި އޮންނާނީ ޑައިމޯފިންއާ ގުޅޭ ބައި ކަމުގައެވެ. އަދި ގޮޅީގައި އެއްޗެއް ލިޔެފައި ނެތީ ފާހަގަ ކުރާނެ ކަމެއް ނެތުމުން ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާއަށް ދައުލަތުން އިތުރު ސުވާލެއް ނުކުރެއެވެ. އަދި ފާތިމަތު ރިފްގާގެ ފަރާތުން ގާނޫނީ ވަކީލް ޝަހުނީމް ވެސް ވިދާޅުވީ ހެކިވެރިޔާއަށް ރިފްގާގެ ފަރާތުން ކުރަން ބޭނުންވާ ސުވާލެއް ނެތް ކަމަށެވެ.

މި މައްސަލާގައި ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި ނިމުމުންނާއި ދިފާއުގެ ފަރާތުން ހެއްކެއް ހުށަހަޅާފައި ނެތުމުން ދެން އޮންނަ އަޑުއެހުމުގައި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށް މި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވިއެވެ. އެ އަޑުއެހުން އަންނަ މަހުގެ ހަތްވަނަ ދުވަހަށް ތާވަލުކޮށްފައި އޮންނާނެ ކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އޮބަމާ

    އެއްވެސް މަލް އެއް ގަސް އެއް ނޯންނާނެ މަސްތުވާތަކެތީގައި މައްސަލަ ޒީރޯ ޓޮލަރެންސް ނުގެންގުޅެ ގައުމުގެ މުސްތަގުބަލު އުޖާލާ ނުވާނެ. މިގައުމުގައި ކޮންމެ އާއިލާއެއްގައި ބަލި ޒުވާނެއް ހިމެނޭތީ އާއިލާ ތައް ތިބީ ގޮތް ހުސްވެ މާލީ ގޮތުން ބަނޑަށްޖެހިފައި. ވިއްކާ މީހުން މުއްސަނދި ވަނީ

    18
    1
  2. ކިންގްސްޓަން މާޝާ

    އުމުރު ދުވަހަށް ގޮޅިޔަށްލާ! ތިކަހަލަ މުޑުދާރު މީހުން މުޖުތަމައުގެ ދޫކޮށްލާފަ ބައިތިއްބާނެ ކަމެއްނެތް!

    10
  3. މުރާދު

    މަލެއް ގަހެއް ފަތެއް ނޯންނާނެ ގޮތެއްފޮތެއްނެތި އުޅެންޏާ އެކަށީގެންވާ ޢަދަބު ލިބެންޖެހޭނެ
    އިބޫ ސޮހޮލުގެ ޒީރޯ ޓޮލަރެންސަކީ މަސްތުވާ ތަކެއްޗަށް މަގުފަހިކުރުން!!!