ހައި ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާއާ ގުޅޭ ގޮތުން އިތުރު ޝަކުވާއެއް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުލް ސައްތާރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅުއްވައިފިއެވެ.

މީގެ ކުރިން ވެސް ހައި ކޯޓުގެ ރަޖިސްޓްރާއާ ގުޅޭ ގޮތުން ނާޒިމްގެ ޝަކުވާއެއް ޑީޖީއޭއަށް ހުށަހަޅުއްވާފައިވަނީ ރަޖިސްޓްރާއާ ވަޓްސް އެޕް މެދުވެރިކޮށް ދައްކަވާފައިވާ ޗެޓް ލޮގެއް އާންމު ކުރި މައްސަލައެއްގައެވެ. އެ ޗެޓް ލޮގްތައް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ޓްވީޓް ކުރެއްވިއެވެ. ޝުޖާއު ސިފަ ކުރެއްވި ގޮތުގައި އެއީ ހައި ކޯޓަށް ނާޒިމް ނުފޫޒު ފޯރުވަނީއެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާއަށް އެޑްރެސް ކުރައްވައި ނާޒިމް ފޮނުއްވި ސިޓީއެއްގައި ފާހަގަ ކުރައްވާފައިވާ ޝަކުވާއަކީ 11 ފަނޑިޔާރުން ތިއްބަވާ ހައި ކޯޓުގައި ނާޒިމް ވަކާލާތު ކުރައްވާ ހުރިހާ މައްސަލައެއް ވަކި އެއް ފަނޑިޔާރުންތަކަކާ ހަވާލުކުރާ ކުރުމެވެ. މި ގޮތުން ފަނޑިޔާރު މުހައްމަދު ފައިސަލް އިންނަވާ ބެންޗަކަށް ނޫނީ މައްސަލަ ނުދާތީ، އެ މައްސަލަ ތަހުގީގުކޮށްދޭން ނާޒިމް އެދިވަޑައިގެންފައިވެއެވެ.

ނާޒިމް ފޮނުއްވި ސިޓީގައި އޭނާ ހައި ކޯޓުގައި ވަކާލާތު ކުރައްވަމުން ގެންދަވާ 10 މައްސަލައެއްގެ ގަޒިއްޔާއާއި އެ މައްސަލާގައި ފަނޑިޔާރު މުހައްމަދު ފައިސަލް އެ މައްސަލަ ބައްލަވާ ބެންޗުގައި ނުވަތަ ބެންޗުގެ ރިޔާސަތުގައި ހުންނަވާ ކަން ފާހަގަ ކުރައްވާފައިވާ ތާވަލެއް ވެސް ހިމަނާފައި އޮތެވެ. އެއިން ނާޒިމްގެ މުވައްކިލާ އެއްކޮޅަށް މައްސަލަ ނިމުނީ ދެ މައްސަލައެއްގައި އެކަނި ކަން ވެސް ފާހަގަ ކުރައްވާފައި އޮތެވެ.

ބައެއް ގާނޫނީ ވަކީލުން ފާހަގަ ކުރައްވާ ގޮތުގައި ފަނޑިޔާރުންގެ ބެންޗާ މެދު ހިތްހަމަނުޖެހޭނަމަ އެ ކަމެއް ގާނޫނީ ވަކީލަށް ހުށަހެޅިދާނެ ކަމަށާއި އެހެންވިޔަސް އެ ކަން އޮންނާނީ އެ އޮންނަ އުސޫލުގެ ތެރެއިން ސިޓީއެއް މެދުވެރިކޮށް ރަސްމީކޮށް އެ ކޯޓަށް ހުށަހަޅައިގެންނެވެ. ވަޓްސް އެޕް މެސެޖްއެއް ކޮށްގެން އެ ގޮތަށް އެދެވިދާނެ ކަމާ މެދު ގާނޫނީ ބަހުސެއް އޮތީ އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޚަލީލު

    ތިޔަ ކެނެރީގޭ ބައިގަނޑަކީ މި ގައުމަށް ދިމާވެފައިވާ ބޮޑު މުސީބާތެއް.

    11
    2
  2. ޙުސެން

    ހަރާސް ކުރުން ނޫން އެހެން ކަމެއް ނޫން މީކީ

    7
    1
  3. ހުސޭނުބޭ

    ޠަޤީންވާގޮތުން ކޯޓުތަކަކީ މި މީހުންގެ ތަރިކަ މުދަލެއް! މިއީ އެބުނާ އަދުލު އިންސާފު މިނިވަންވުމަކީ!

  4. ލާމު

    ސައްތާރުގެ ދަރިން ބުނެފިއްޔާ އެއީ ކަން ވާންޖެހޭގޮތް ކަމަށް އެމީހުން ގަބޫލުކުރަނީ. ޔަހޫދީންގެ ވިސްނުން ހުންނަގޮތާ އެއްކަހަލަ ގޮތެއް މިމީހުންގެ ވިސްނުގައި ވެސް ހުންނަކަމަަށް ހަބޫލު ކުރެވޭ. އެމީހުން ފިޔަވައި ދެން ތިބޭނީ ދެވަނަ ދަރަޖައިގެ މީހުން.

  5. ޖަޒްލީ

    ހޫރުޝީދާއަކީ ޝުޖާއު އުސްމާނުގެ އޭޖެންޓެއް. އޭނާ ރަޖިސްޓްރަރ އުފުލި އިރު އޭނާހުރީ ޕީޕީއެމް ފަނޑިޔާރު ޑީޑީގެ ލީގަލް ސެކެޓްރީ އަކަށް. ތައުލީމީގޮތުން ދަށް މީހެއް ހޫރުޝީދާއަކީ. ޑިގްރީއިންވެސް ކިރިޔާ ފާސްވީ. މިއީ ސާފު ހަގީގަތް. ކެނެރީގޭ މީހުންނަށް ތާއީދު ނުކުރަން. އެކަމަކު މިއީ ހަގީގަތް