ކ.ގުޅީފަޅުގައި ޕޯޓެއް ހެދުމަށް ހިންގާ މަޝްރޫއު ހުއްޓުވުމަށް ސިވިލްކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ގުޅީފަޅަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ގެދޮރުވެރިކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައި އޮތް ބިމެކެވެ. އެހެންނަމަވެސް މި ސަރުކާރުވެރިކަމަށް އައުމާއި އެކު ވަނީ ގުޅީފަޅުގެ ބޮޑު ބަޔެއްގައި ވިޔަފާރީ ބަދަރެއް ގާއިމް ކުރުމަށް ނިންމާފައެވެ.

އެ މަޝްރޫއަކީ ޖުމްލަ 8.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގުޅީފަޅުގައި ޕޯޓެއް ހެދުމަށް ހިންގާ މަޝްރޫއު ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށްޓަށް ނުހަނު ބޮޑު ގެއްލުންތަކެއް ދީގެން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

އަދި މަޝްރޫއުގެ ސަބަބުން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެޕްރީލް 2020 ގައި ތައްޔާރު ކޮށްފައިވާއިރު، އޭގައިވާ މައުލޫމާތުން މުޅިސަރަހައްދަށް ލިބޭނޭ ގެއްލުންތައް ދޭހަވާ ކަމަށް އެ މައްސަލައިގައި ބުނެފައި ވެއެވެ. މިގޮތުން ގުޅީފަޅު ހިއްކުމަށްޓަކައި މާލެ އަތޮޅުގެ އުތުރުން 13 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަހައްދަކުން 20 މިލިއަން ކޮޑިމީޓަރުގެ (ނުވަތަ 30 މިލިއަން ޓަނުގެ) ވެލި ނަގައިގެން އެފަޅު ހިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި މި މަޝްރޫއުގެ ސަބަބުން ގުޅީފަޅު ފަރުގައި 1995 އިން ފެށިގެން ހިމާޔަތްކުރެވިފައިވާ ގުދުރަތީގޮތުންނާއި ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދި މާހައުލީ ނިޒާމެއްކަމުގައިވާ “ހާންސްހާސް ޕްލޭސް” ނުވަތަ “ކިކި ރީފް” ފަނާވެގެންދާނެކަމަށް ބުނެފައި ވެއެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ޖޫން 2020 ގައި ފަށާފައިވާއިރު، އެ މަސައްކަތް ފެށުމުން ގުޅީފަޅާ ޖެހިގެން އޮތް ވިލިނގިލީގެ (ވިލިމާލެ) ފަރަށް ބޮޑު ކިސަޑުފަށަލައެއްގެ ނުރައްކަލާ ކުރިމަތިވެގެން ދިޔަ ކަމަށް ބުނެފައި ވެެވެ. އެކަމުގެ ސަބަބުން ވިލިމާލޭގެ ފަރުގެ ވެށީގެ ހާލަތާދޭތެރޭ ބައެއް ރައްޔިތުންގެ ތެރޭގައި ކަންބޮޑުވުން އުފެދި، އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ނަމަވެސް އެ މަޖިލިހުން މައްސަލަ ބެލުމަށްފަހު ނިންމީ، ގުޅީފަޅު މަޝްރޫއުގެ ސަބަބުން ސަރަހައްދުގެ ތިމާވެށްޓަށް ކުރާނެ އިޔާދަނުކުރެވޭނެ ގެއްލުންތަކަށް ރިއާޔަތްކުރުމުގެ ބަދަލުގައި، އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިތުރު ހުއްޖަތެއް އުފައްދާ، ގުޅީފަޅުގައި ގެދޮރުއެޅުން ލާޒިމުކުރާ ނުކުތާއެއް މަޝްރޫއުގައި ހިމަނާ، މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށް އެ މައްސަލައިގައި ބުނެފައި ވެއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެށީގެ ގޮތުންނާއި، އިޖްތިމާއީ ގޮތުންނާއި، އިޤްތިސާދީ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ދިވެހިރައްޔިތުންނަށާ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ މަޝްރޫއުއެއްކަން ސާފުވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން މި މައްސަލަ ކޯޓަށް ހުށަހެޅީ މި މަހުގެ ދެވަނަ ދުވަހުއެވެ. މި މައްސަލަ ބަލައިގެންފައި ވަނީ މިިދިޔަ އާދީއްތަ ދުވަހުއެވެ.

ގުޅީފަޅު ތަރައްގީ ކުރަން ސަރުކާރުގެ ވިސްނުން ހުރީ ޕްރައިމެރިލީ ޕޯޓް ސިޓީއެއްގެ ގޮތުގައި ކަމަށް ސަރުކާރުން ހާމަކޮށްފައި ވެއެވެ. އަދި އެ ސިޓީއިން 700 ފޫޓުގެ ބިންކޮޅުތަކެއް 1،200 އާއިލާއަށް ދޫކުރަން ނިންމާފައިވާ ކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޔާމަން

    ޕޯޓު ސިޓީއޯ ކިޔަނީ ..ދެން މި ބުނަނީ އެތަނުން ގެދޮރުއަޅަން ބިންދޫކުރާވާހަކަ. ކާކުތޯ އެތާގެ އާރބަން ޕުލޭނިން ހަދަނީ.. ކަން ކުރަން ދަންނަބަޔަކު ނެތީތަ.

  2. ޕޮއްއް

    ގުޅީފަޅުގެ މުހިއްމުކަން ބޮޑީ އިންޑިއާ މިލިޓަރީއަށް.
    އަލީވަގީދު ވިދާޅުވި އެމަނިކްފާނު ޑިފެންސް މިނިސްޓަރަކަށް އައްޔަންކުރަން އަވައްޓެރި ގައުމަކުން ނުރުހުނު ވާހަކަ.
    ވީމާ ތިޕްރޮޖެކްޓް ދިވެހިން ބޭނުންވިޔަސް، ތިމާވެށި މަރުވިޔަސް ނުހުއްޓުވޭނެ.

    4
    1
  3. އަޔާމަން

    ޕޯޓު ސިޓީއޯ ކިޔަނީ ..ދެން މި ބުނަނީ އެތަނުން ގެދޮރުއަޅަން ބިންދޫކުރާވާހަކަ. ކާކުތޯ އެތާގެ އާރބަން ޕުލޭނިން ހަދަނީ.. ކަން ކުރަން ދަންނަބަޔަކު ނެތީތަ...