ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާފްލެޓުގައި ހަރު ކުރާނެ ސީސީޓީވީ ކެމެރާ ހޯދައި، އެ ހަރު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ ހިޔާ ފްލެޓަށް ހާއްސަކޮށް ކެމެރާ ސިސްޓަމް ޑިޒައިންކޮށް ހަރުކޮށް ދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހަޅަން އެދޭކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭގައި ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އެޅިއެވެ. ނަމަވެސް ރައީސް ސޯލިހް ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯއިން 200 އަށްވުރެ ގިނަ ފްލެޓް ތަޅާލާފައެވެ. އެއީ އެތަންތަނުގައި ވިޔަފާރިތަކާއި ބައެއް އަސަސާސީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ތަންތަން ހެދުމަށެވެ. ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އެކަންކަން ކުރުމަށް އިތުރު އިމާރާތްތަކެއް ހިޔާ ފްލެޓްތައް ކައިރީގައި އިމާރާތް ކުރާށެވެ.

ހިޔާ ފްލެޓްތަކުގައި ކެމެރާ ހަރުކުރަން މިހާރު އެޗްޑީސީ އިން އިއުލާން ކޮށްފައި ވާއިރު އެތަނުގައި މިހާރު ވަނީ މީހުން ދިރިއުޅެން ވެސް ފަށާފައެވެ. އަދި ގިނަ ފްލެޓްތަކެއްގެ ފިނިޝިން މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ. މިހާރު ވެސް ހިޔާ ފްލެޓްތަކުން ވައްކަން ކުރާކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.