ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ހިއްސާކުރުމަށާއި، މާލީ އެހީތެރިކަމާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިވެ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ލީޑާސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި، ދެމެހެއްޓެނިވި ތަރައްގީ އާއި އަދި މި ނޫން ވެސް ނާޒުކު މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ، އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ދިގު މާޒީއެއް އޮތް ގައުމުތަކެއް ކަމަށެވެ.

އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު އިގްތިސާދުތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެފައިވާ ކަމަށާއި ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތުމުން އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށް ވެސް ކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށާއި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދުތައް ސިންދަފާތުކުރުމަށް ޓެކްނޮލޮޖީ ހިއްސާކުރުމަށާއި، މާލީ އެހީތެރިކަމާއި ގާބިލިއްޔަތުކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެހީތެރިވެ ދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައެވެ.

އަދި ވަކިން ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމަށް އެކުލަވާލާ ފަންޑު ވާންޖެހޭނީ އެކަމަށް އެކަށޭނަ، އެއްބަސްވެވިފައިވާ އަދި ފަސޭހައިން ހަމަޖެހޭގޮތަށް އެކުލަވާލެވިފައި އޮންނަ އެއްޗަކަށްކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނެވި ރައީސް ވަނީ ކަނޑުތައް ތަޣައްޔަރުވުމާ ބެހޭގޮތުންނާއި ކޮޕް-26 ގެ ކޮންފަރެންސަށް ތައްޔާރު ވުމަށް ކުދި ޖަޒީރާ ގައުމުތަކަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. އަދި މިއަދުގެ ސަމިޓުން ލީޑަރުން އެއްބަސްވެފައިވާ "ލީޑަރސް ޑެކްލެރޭޝަން"ގެ ސަބަބުން، މިފަދަ މައްސަލަތަކަށް ހާއްސަ އަހަންމިއްޔަތެއް ދޭންޖެހިފައިވާކަން ހާމަވާ ކަމަށާއި، އެކަންކަން ހައްލު ކުރުމަށްޓަކައި ތަރައްގީވެފައިވާ ގައުމުތަކާއި، ބައިނަލްއަގްވާމީ ފައިނޭންޝިއަލް އިންސްޓިޓިއުޓްތަކާއި، ޕްރައިވެޓް ސެކްޓަރއާއި، އަދި މަދަނީ ޖަމުއިއްޔާ ޖަމާއަތްތަކުގެ އެއްބާރުލުން ނުހަނު ބޭނުންވެފައިވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަދ، މި މަސައްކަތުގައި އެދެވޭ ކުރިއެރުން ލިބޭނެ ގޮތަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސް ގޮވައިލެއްވިއެވެ.

ރައީސް ވަނީ ޕްލާސްޓިކުން ކަނޑުތައް ތަޣައްޔަރުވުން ހުއްޓުވުމަށް ގިނަ ގައުމުތައް އެކުވެގެން ކުރަމުންގެންދާ މަސައްކަތަށް ތާއީދުކުރައްވާ ކަމަށާއި، އެކަމަށްޓަކައި ހާއްސަ ބައިނަލްއަގްވާމީ މުއާހަދާއެއް ގެނައުމަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ފުރަތަމަ ކޮންފަރެންސް 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށްފަހު ރާއްޖެއިން ވަނީ ކުދި ޖަޒީރާ ގައުމުތައް އެކުލެވޭ ޖަމާޢަތެއް އުފެއްދުމުގެ މަސައްކަތް ބާރަށް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން އައްސޭރިފަށުގެ ބިންތިރި، ކުދި ގައުމުތައް ތަމްސީލުކުރާ ޖަމާޢަތްކަމުގައިވާ "އެއޯސިސް" އުފެދުނީ 1990ގައި ޖެނީވާގައި ބޭއްވި ދުނިޔޭގެ ދެވަނަ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިންނެވެ.

އެއޯސިސް އަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އާއި ބައިނަލްއަގްވާމީ އެންވަޔަރަންމަންޓް ޕޮލިސީއަށް ވަކާލާތުކޮށް އަދި ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޚާއްސާ ސަމާލުކަމެއްދޭ ޖަމާއަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ސަލާންޖެހުން ނޫންކަމެއް މިމީހާޔަށް އެބަ ކުރެވޭހެއްޔެވެ؟ ތަނަކަށް ރަސްމީކޮށް ނުރަސްމީކޮށް ދިޔަސް އަބަދުވެސް ދީބަލާ ދީބަލާ ކިޔަނީ!!!

  2. ލީލާ

    ކަލޭ ދިވެހި ބަހުން ބުނެގެން ކާކަށް އެގޭނީ ކަލޭބުނީ ކީކޭކަމެއް. ކަލޭ ފަޒުނާ ކާރީބުނެގެން އެތަންކޮޅު އިގިރޭސި ބަހުން ކިޔަންވީގޮތް ދަސްކޮށްބަލާށެވެ. ނުވަތަ ކުރީގެ ރައީސް ނަޝީދު ކާރީ ބުނާށެވެ. ބުނަންވީ އެންމެ ރަގަޅުގޮތް އެމަނިކުފާނަށް އެގިލައްވާނެއެވެ. ކަލޭގެ މައްސަލައަކީ އެއްޗެއްނޭގުނަސް މާބޮޑަށް ކިބުރުވުމެވެ. ކިބުރުވެރިކަމަކީ އިންސާނާ ހަލާކުކޮށްލާ ފަނާކޮށްލާނެ ވަރުގަދަ ފަންޏެކެވެ.