ރާއްޖެ އަށް ކާމިޔާބު އޮތީ ދުނިޔޭގެ ހުރިހާ ގައުމަކާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް މިގޮތަށް ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ވިދާޅުވީ ބޭރު ގައުމުތަކާއި ގުޅިގެން ކުރެވޭ މަސައްކަތުން ރާއްޖެއަށް ކާމިޔާބު ލިބޭނެ ކަމަށެވެ.

ރާއްޖެ އަކީ ބޭރުދުނިޔެއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމާއި ބޭރު ފައިސާއަށްވެސް ބަރޯސާވާ މިންވަރު އޮންނަނީ އެހެން ގައުމުތަކާއި ގުޅިފައި ކަމަށެވެ.

ދާދިފަހުން ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އދ.ގެ އާންމު މަޖިލީހުގައި ދިވެހި ބަހުން ތަގްރީރު ކުރެއްވި ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ދިވެހި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަން އިންނެވުމުން ދޭހަކޮށްދެނީ ދުނިޔޭގެ ގައުމުތަކުން ރާއްޖެއަށް ކުރައްވާ އިތުބާރު ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރު އައި އިރު ރާއްޖެއާއި ބައެއް ބައިނަލްއަގްވާމީ ޖަމްއިއްޔާތަކާއި ގުޅުން ކަނޑާލެވިފައިވާ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައިވެސް ރާއްޖެއާއި ބޭރުގެ ފަރާތްތަކާއި ގުޅުން ބަދަހިކުރެއްވުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ރާއްޖެއިން ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދާފައިވާކަން ނައިބް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ވެކްސިން އެންމެ ފުރަތަމަ ލިބުނު ގައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭކަމަށް އެކަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޒީ

    މީނަ އެބައުޅޭތަ؟

  2. Anonymous

    ނައިބުރާއިސް ކަމަކީ މޮޅު ވާހަކަތައް ވިދާޅުވުންތޯއެވެ؟ އިދާރީ މުވައްޒަފުންނަށް ލިބޭ އެންމެ ހައެއްކަހާސް ރ އަށް ވިސްނަވާލެއްވީމުތޯއެވެ؟ އަބުރުވެރި ތާހިރު ދިރިއުޅުމެއް އުޅެވޭނެތޯއެވެ. 30 ، 40 އަހަރު ސަރުކާރުގައި އުޅެ ކާފަ މާމަ ދަރިން ލިބުނުއިރުވެސް ވަންނާނެ ރަނގަޅު ބޯހިޔާވަހިކަމެއް ނެތް ނިކަމެތި މުވައްޒަފުންގެ ހާއްޖަތްތަކާ ދޭތެރޭގައި ފިކުރު ކުރައްވަމުތޯއެވެ؟ ބައެއް މީހުންނާ އެމީހުންގެ ދަރިން ބޮޑު މުސާރައިގާ މީރު ރަގަޅު ކާނާ ކައިގެން އަރާމު ފިނި ތަންމަތީގައި ނިދާއިރު ދަށުފަފަންތީގެ މުވައްޒަފުންގެ ކަރަންޓުބިލް ނުދެއްކި ރައްޓެހިންނަށް ދަރާވިކިގެން އުޅޭކަން ހަމަ އެނގިނުލައްވަނީތޯއެވެ. މުސާރަކޮޅު ބޮޑުކޮށްދެއްވާނެކަމަށް އުއްމީދުކުރަމެވެ.