އއ. މަތިވެރިން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ޑީއާރްޕީ މެންބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހުގެރޭ ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން އޭނާއާ ދެކޮޅަށް އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ. މައްސަލަ ގޯސްވީ އެރަށުގައި ހުންނަ އޭނާގެ ގެސްޓްހައުސް، ބިމަށް ކުލި ނުދައްކާ ކަމަށް ބުނެއެވެ.

ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވައެވެ. އެ ހަމަނުޖުހުމުގެ ތެރެއިން އެ ރަށު ޒުވާނުންތަކެއް ޖާބިރަށް ހަމާލާދިން ކަމަށްވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ.

ޖާބިރާ ދެކޮޅަށް މަތިވެރި ރައްޔިތުން އަޑު އުފުލަން ފެށުމުން ފުލުހުން ވަނީ އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތެދު ބަސް

    ޖާބިރު ހަދަނީ ހުސްދޮގެވެ. ޖާބިރަކީ ވަރަށްބޮޑު މަކަރުވެރިއެކެވެ. ކުލި ނުދައްކައި ހުރެގެން އެތަނުން ނަފާ ނެގިގެން ނުވާނެއެވެ. ޖާބިރު ކުލި ނުދައްކާކަން މަތިވެރި ކައުންސިލް ގެ ރައީސަށް އައުގުރާނަ ގޮވި ވީޑީއޯއިންވެސް އެނގެއެވެ.