ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ދާދި ފަހުން ހިނގާދިޔަ ހާދިސާއާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް އެއްވެސް ކޮންޓެންޓެއް ޝާއިޢު ކޮށްފައިވޭތޯ މޮނިޓަރކޮށް އެސެސްކުރުމުގެ މަސައްކަތް މީޑިއާ ކައުންސިލުން ފަށައިފިއެވެ.

ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ހިނގަމުން ދިޔަ ކަންތައްތަކާއި ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ސަހްބާން ފަހުމީ ސޮއިކޮށް މީޑިއާތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ހާދިސާތައް ކަވަރު ކުރުމުގައި ނޫސްވެރިކަމުގެ އާންމު އަހްލާގީ މިންގަނޑާ ހިލާފު ބައެއް ކަންކަން ނޫސްވެރިންގެ ކިބައިން ފާހަގަކުރެވިގެން އެކަން ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އެ ސިޓީގައި ބުނެފައި ވަނޫ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންނަކީ އެކިއެކި ސަބަބުތަކާހުރެ ނަފްސާނީގޮތުން އަސަރުކޮށްފައިވާ، އަދި މުޅި މުޖުތަމައުގެ ހާއްސަ އަޅާލުމާއި އޯގާތެރިކަން ބޭނުންވާ، "ވަލްނަރަބަލް" ކުދިން ކަމަށެވެ.

އެހެންކަމުން އެ ކުދިންނާއި ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ސަމާލުވާން އެދިފައި ވެއެވެ.

ފިޔަވަތީގައި މިދިޔަ ހުކުރު ދުވަހާއި އޭގެ ފަހުންވެސް ގިނަ ކަންތައްތަކެއް ހިނގާފައި ވެއެވެ. މިދިޔަ ހުކުރު ދުވަހު އެތަނުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެތަނުގައި ދިރިއުޅޭ ކުދިން އެތަނުގެ ފުރާޅަށް އަރައިގެން އުޅުނު މައްސަލަވެސް ފެންމަތިވިއެވެ.