ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް ބަންދުކޮށްފައި ބައިތިއްބަންޖެހޭ ބައެއް ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ހައި ކޯޓުން އެގޮތަށް ބުނެފައި ވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލަން މެޖިސްޓްރޭޓް ކޯޓަކުން ކުރި އަމުރު ބާތިލްކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރި ހުކުމްގައެވެ.

ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކަކީ ޖިނާއީ ބޮޑުކުށެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިރު، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް، އެކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާއަށް ގާނޫނުން ލިބިދޭ ބައެއް ހައްގުތައް ވަކި މިންވަރަށް ހިފެހެއްޓިދާނެ ކަމަށެވެ.

އެގޮތުން މިފަދަ ކުށްތަކުގެ ސަބަބުން މުޖުތަމައަށް ލިބެމުންދާ ގެއްލުންތަކަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމަށް ތުހުމަތުކުރެވޭ މީހުންނަކީ މުޖުތަމައުން އެކަހެރިކޮށް އެމީހުންގެ ނުރައްކާ މުޖުތަމައަށް ނުފޯރާގޮތަށް ބަންދުކޮށްފައި ބައިތިއްބަންޖެހޭ ބައެއް ކަން ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އެފަދަ ކުށެއްގެ ތުހުމަތުވާ މީހެއް މުޖްތަމައުއަށް ދޫވުމަކީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކަމަށާއި އެފަދަ ނުރައްކާތެރި މީހެއް ބަންދުގައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން ނުރައްކާތެރިކަން ނުފޯރުވޭނެ ފަދަ ތަނެއްގައި ކަމަށް ހައިކޯޓުން ބުންޏެވެ.

އެ ރައުޔު ނެރުއްވީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއެވެ. އޭނާގެ މި ރައުޔަށް ތައީދު ކުރެއްވީ ފަނޑިޔާރު އަބްދުالله ހަމީދާއި ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ސޯޅަ އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކުރީ މިދިޔަ މެއި 31 ގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރިއެވެ. އަދި ބަންދު އަމުރު މުރާޖައާ ކުރަން ހުށަހެޅުމުން ޝަރުތުތަކާއެކު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލީ މި މަހުގެ ތެރޭގައެވެ.