ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ކޮވިޑް ވެކްސިން ޖެހި މީހުން ދަނެގަންނާނެ ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ރާއްޖޭގައި ތައާރަފް ކޮށްފިއެވެ.

ވެކްސިންގެ ޑިޖިޓަލް ޕާސްޕޯޓު ތައާރަފް ކޮށްފައިވާކަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިއުލާނު ކޮށްފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ، covidsafe.gov.mv މެދުވެރިކޮށް ކޮވިޑުން ދިފާއުވުމަށް ޖަހާފައިވާ ވެކްސިންގެ ޑޯޒާއި ކޮވިޑަށް ޓެސްޓުކުރި ނަތީޖާތައް ފެންނާނެ ކަމަށެވެ.

މިލިންކަށް ލޮގްއިން ވުމަށް އައިޑީކާޑު ނަންބަރު ނުވަތަ ޕާސްޕޯޓު ނަންބަރާއި ފޯނު ނަންބަރު ޖަހަން ޖެހޭނެއެވެ. އެއާއި އެކީ ފޯނަށް އޯޓީޕީއެއް ދެއެވެ. އޯޓީޕީ ޖެއްސުމުން ޕޯޓަލްއަށް ވަދެވޭނެއެވެ.

ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖަހާފައިވާކަން އަންގައި ދިނުމަށްޓަކައި މިހާރު ބޭނުން ކުރަމުންދަނީ ކާޑެއް އެކަންޏެވެ. މިކާޑު ބޭރު ގައުމުތަކުން ގަބޫލު ނުކުރާތީ ގިނަ ބަޔަކު މީގެ ކުރިން ވަނީ ވެކްސިން ޕާސްޕޯޓު ޑިޖިޓަލް ކުރުމަށް ގޮވާލާފައެވެ.