ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އެމްއެންޕީއަށް ސޮއިކުރުން ފައިސާ ހުށަހަޅާފައި ނުވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

އެމްއެންޕީއަކީ މަޖިލީހުގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) އިސްވެ އުފައްދަވާ ޕާޓީއެކެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ނިންމާފައިވާއިރު، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވައެވެ.

މީގެ އިތުރުން އެ ޕާޓީއާ ގުޅިވަޑައިގަތް މަޖިލިސް މެންބަރުންނަކީ ނާޒިމްއާ އާއިލީ ގުޅުމެއް އޮންނަ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްއާއި، ނާޒިމްގެ ގާތް އެކުވެރިޔެއް ކަމުގައިވާ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

ކުރިން މޮސްޓާ އާއި ޖޭފޯވެސް އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމިއެވެ. އެހެންނަމަވެސް ފަހުން އެ ބޭފުޅުން އެ ޕާޓީއަށް ސޮއިކުރުން މަޑުޖައްސާލަން ނިންމާފައިވާ ކަން ހާމަ ވަނީ ހާމަކުރައްވާފައެވެ. އަދި އެބޭފުޅުން އެމްއެންޕީއާ ދުރަށް ދާން ޖެހުނީ ފައިސާގެ މައްސަލައެއް ކަމަށް ބުނެ އަޑު ފެތުރުނެވެ.

އެމްއެންޕީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން އުޝާމް ވިދާޅުވި، ޖޭފޯ އާއި މޮސްޓާ އާ ހިމެނޭހެން ފަސް މެންބަރުން އެކުވެގެން އުފައްދަން އުޅުނު މިޕާޓީއާ އެ ދެ ބޭފުޅުން ގުޅިވަޑައިނުގަތުމަށް ނިންމެވިއިރު، އެ ބޭފުޅުން ޕާޓީއާ ގުޅިވަޑައިގަތުމަށް ފައިސާ ހުށަހަޅާފައިނުވާެނެ ކަމަށެވެ. އަދި އެފަދަ ޝަކުވާއެއްވެސް ލިބިފައިނުވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

"އަޅުގަނޑެއް އަދި ނާޒިމްވެސް، ރިޔާޒްވެސް އެބޭފުޅުންނަށް ފައިސާއެއް ދިނުމަކަށް އެއްބަސްވެފައެއް ނޯންނާނެ، ޕާޓިއެއް އުފެއްދުމަށްޓަކައި،ޕާޓީގެ މެންބަރަކަށްވުމަށްޓަކައި އަޅުގަނޑުމެން އެބޭފުޅުންނަށް ފައިސާ ދިނުމަށް އަޅުގަނޑުމެން ނޯންނާނެ އެއްބަސްވުމެއް ވެފައެއް"އުޝާމް ވިދާޅުވިއެވެ.

އުޝާމް ވަނީ އެ ޕާޓީއަކީ ފަސްބޭފުޅުން ވެގެން އުފައްދަވަން ނިންމެވި ޕާޓީއެއް ކަމާއި، އެ ޕާޓީ އުފައްދެވުމުގެ ކަންކަން ފެށުނުގޮތްވެސް ހާމަކުރައްވާފައެވެ.

"ޕާޓީއެއް އުފެއްދުމުގެ ވާހަކައަކީ ކުއްލިއަކަށް ދެކެވެނު ވާހަކައެއް، ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެން އެއް ފިކުރެެއްގައި މަސައްކަތް ކުރި މެންބަރުންތަކެއްގެ މެދުގައި ސިޔާސީ ޕާޓީއެެއް އުފެއްދުމުގެ ވާހަކަ ދެކެވޭތާ ދުވަސްކޮޅެއްވެއްޖެ. އެގޮތުން އަޅުގަނޑުމެން މަޝްވަރާކޮށްގެން ތި ވިދާޅުވި ފަސް މެންބަރުން، އަޅުގަނޑުމެން އެގްރީމެންޓެއްގައިވެސް ސޮއިކުރިން ޖުލައި މަހުގެ ކުރީކޮޅު، އަޅުގަނޑުމެން ޕާޓީއެއް އުފައްދައި ޕާޓީގެ ހަރަކާތްތައް ކުރިއަށްގެންދާ ގޮތާއި ގުޅޭގޮތުން ފަސް މެންބަރުން ސޮއިކޮށްފައިވާ އެގްރީމެންޓެއްވެސް އޮންނަނެ". އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އިލެކްޝަން ކޮމިޝަނަށް ޕާޓީ ރެޖިސްޓަރ ކުރުމަށްވެސް ހުށަހެޅި ފަސް މެންބަރުން އެއްކޮށް ކަމަށެވެ. އެހެން ނަމަވެސް ގަވާއިދު އޮންނަގޮތުން ފަސް ބޭފުޅުންގެ މެދުގައި ޕާޓީއެއް އުފެއްދުމުގެ އުސޫލެއް ނޯންނަ ކަމަށާއި، ޕާޓީއެއް އުފައްދަން ހުށަހެޅެނީ އެއް މެންބަރެއްގެ ނަމުގައި ކަމަށް ވިދާޅުވި ކަމަށެވެ.

އެހެންވެ ޕާޓީ އުފައްދަން ހުއްދައަށް އެދި ހުށަހެޅީ އޭނާގެ ނަމުގައި ކަމަށް އުޝާމް ވިދާޅުވިއެވެ. އެއީ ފަސް މެންބަރުންގެ މެދުގައި އެއްބަސްވުމަކަށް އައިސްގެންނެވެ.

އެމްއެންޕީއަކީ މަޖިލީހުގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް) އިސްވެ އުފައްދަވާ ޕާޓީއެކެވެ. 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ނިންމާފައިވާއިރު، ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ނާޒިމް ވާދަކުރައްވައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޕީން ތަރުޖަމާން އަސްރާ އަހުމަދު ވިދާޅުވީ، އެ ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވާއިރު، އިލެކްޝަން ކޮމިޝަނުން ހުއްދަ ދޭ ހަފްތާ ތެރޭގައި ޕާޓީގެ ރައީސް އަދި ނައިބް ރައީސް ހޮވާނެ ކަމަށެވެ. އަދި ވުމެންސް ވިންގ އާއި ޔޫތް ވިންގގެ ލީޑަރުން އަދި 21 ކައުންސިލް މެންބަރުން ފެންނަ ނުފެންނަ ވޯޓަކުން ހޮވިގެން ދާނެ ކަމަށް އަސްރާ ވިދާޅުވިއެވެ.

އަދި އީސީގެ ހުއްދަ ލިބުމާއެކު، ކައުންސިލްގެ މަގާމުތަަކަށް ހުޅުވާލާނެ ކަމަށް އަސްރާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕާޕަ ޕާޕާ

    ތިވާހަކަ ގަބޫލުކޮށްފިން ...ތިއީ ކޮންބައެއް... :ޕ

    4
    1
  2. ޕާޕަ ޕާޕާަ

    ތިވާހަކަ ގަބޫލުކޮށްފިން ...ތިއީ ކޮންބައެއް... :ޕ

    4
    1
  3. ބާބުލްއަވާލީ މަލިކު

    ބޭކާރު ދެމީހުން!

    3
    1