ތ. ގާދިއްފުށި އާއި އެ އަތޮޅު ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީ އާއެވެ. ބުރުނީ އައި ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތް ޝާނާ ފާރޫގްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

ބުރުނީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ 28 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޖުމުލަ 269 މީޓަރުގެ ބްރޭކްވޯޓަރތަކާއި، 220 މީޓަރުގެ ރިވެޓްމަންޓް ގާއިމްކުރުމާއި ބީޗް ރިޕްލެނިޝް ކުރުމުގެ މަސައްްކަތް ކުރުމަށް ނިންމާފައިވެއެވެ.

އަދި މީގެ އިތުރުން ގާދިއްފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްވެސް 180 ދުުވަހުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު، މި މަޝްރޫއުގެ ދަށުން އެރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ.

ގާދިއްފުށި ގޮނޑުދޮށް ހިމަޔާތް ކުރުމުގެ މަޝްރޫއަކީ 17 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 500 މީޓަރުގެ ރިވެޓްމެންޓަކާއި އަދި 15 މީޓަރުގެ ގްރޮއިންއެއް ގާއިމްކޮށް ގޮނޑުދޮށް ހިމާޔާތް ކުރުން ހިމެނިފައިވެއެވެ.