އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ދެކުނުގެ އެންމެ ބޮޑު ސިޓީގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާއާއެވެ. މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހަދާ ބޮޑު ބްރިޖުގެ މަސައްކަތް ވެސް ދިވެހި ސަރުކާރުން ހަވާލުކޮށްފައި ވަނީ އިންޑިއާގެ މި ކުންފުންޏާއެވެ.

އައްޑޫ މަގު ހަދަން ބޭނުންވާ ސާމާނު ކޮޅުވެއްޓިއަކަށް އަރުވާފައި.

އެނގިފައިވާ ގޮތުގައި އައްޑޫގެ މަގުތައް ހަދަން ބޭނުންވާ ސާމާނު ހިފައިގެން އިއްޔެ ވަނީ އައްޑޫ އަށް ދިއުމަށް ފުރައިފައެވެ. އިންޑިއާ އިން ސާމާނުތައް ހިފައިގެން ފުރި އިރު، އެ ސާމާނު އައްޑޫ އަށް ގެންދިއުމަށް ދެ ތިން ދުވަސް ވަރު ނަގާނެ ކަމަށްވެއެވެ.

އައްޑޫ އަށް ގެންނަ ސާމާނުތަކުގެ ތެރޭގައި އެކްސްކެވޭޓަރާއި ވޭނާއި މަގު ހަދަން ބޭނުން ކުރާ އެހެނިހެން ސާމާނު ހިމެނެއެވެ.

އައްޑޫ މަގު ހަދަން ބޭނުންވާ ސާމާނު ކޮޅުވެއްޓިއަކަށް އަރުވާފައި.

އައްޑޫގެ މަގުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ މަގުތަކުގައި އޮންނަނީ ޗަކަ ހެދިފައެވެ. ފެން ބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އިންތިހާ އަށް ދަތިވެއެވެ. ސ. ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ގަމަކީ ތާރު މަގަކުން ގުޅިފައިވާ ރަށްތަކަކަށްވާ އިރު، އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެރަށުގެ މަގުތަކުގެ ހާލަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ އެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަން ނިންމާފައިވާ ދެ ވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. އައްޑޫގެ ތަރައްގީއަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުން ވެސް މި މަސައްކަތުގައި ހިމެނެއެވެ.

އައްޑޫ މަގު ހަދަން ބޭނުންވާ ސާމާނު ކޮޅުވެއްޓިއަކަށް އަރުވާފައި.

މި މަޝްރޫއުގައި ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުމަށް ވަނީ ރާވައިފައެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ހަމަޖެހިފައިވެއެވެ. ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ލޭޔާގެ ބޭނުމަކީ ފެން ހިންސާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

މަޝްރޫއުއާ ގުޅޭ ކަރުދާހުގައިވާ ގޮތުން ހިތަދޫ އާއި މަރަދޫ ގުޅާލުމަށް ހަދާފައިވާ މަގު، ހަތަރު ލޭނު ހިމެނޭ ގޮތަށް (ކޮންމެ ބްރިޖެއްގައި ދެ ލޭން) ދެ ބްރިޖެއް ހަދާނެއެވެ. ގާތްގަނޑަކަށް 1.5 ކިލޯ މީޓަރު ހުންނަ ސަރަހައްދެއްގައި މަޝްރޫއު ކުރިއަށް ގެންދާ އިރު، އެ ސަރަހައްދުގެ ގޮނޑުދޮަށް ހިމާޔާތް ކުރާނެއެވެ. އެއް ބްރިޖުގެ ދިގުމިނުގައި 450 މީޓަރު ދިގު މިނެއް ހުންނާނެއެވެ. އަނެއް ބްރިޖުގައި 210 މީޓަރެވެ.

އައްޑޫ މަގު ހަދަން ބޭނުންވާ ސާމާނު ކޮޅުވެއްޓިއަކަށް އަރުވާފައި.

މި މަޝްރޫއުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމެވެ. އެގޮތުން ޕްލޭންގައިވާ ގޮތުން ފެން ހިންދާ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދޫ އާއި ހުޅުމީދޫގައެވެ. މި ނިޒާމު ގާއިމު ކުރުމުގެ ސަބަބުން ވާރޭ ވެހި މަގުތަކުގައި ފެން ހެދިއްޖެ ނަމަ ފަސޭހަ އިން އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުތަކުން ފެން ހިންދާލެވޭނެއެވެ.

މަގުތައް ހެދުމުގެ އިތުރުން 228 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހިތަދޫ، ހުޅުދޫ/މީދޫގެ 38 ހެކްޓަރުގެ (ދެ ރިސޯޓު ހިމެނޭ ގޮތަށް ފަސް ހެކްޓަރު) ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރާނެއެވެ. އަދި މަރަދޫ އާއި މަރަދޫ-ފޭދޫގެ 75 ހެކްޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތެ މަގަ ދުވަހައް ނިހެދޭހެއް ވާ.

    16
  2. މަބޭ

    ތިޔަކުންފުނީގެ މަސައްކަތުސްޕީޑަކީ ކަންޒުކަހަންބު ސްޕީޑް މަގުހެދުމައް 10 އަހަރު

  3. ގޫބައްޑާ

    އައްޑޫމީހުން އެކަނި މިރާއްޖޭގައުޅެންވީ.

    10
    3
  4. ބޯކިބާ

    މަގުހަދަން ހަވާލުކުރީމަ މަގުހަދާ ސާމާނު ނުގެންގޮސް މަގެއްނެހެދޭނެތާ.

  5. އަލީ ބުނީ

    މި އައްޑޫ މީހުންވެސް ފަސްކުޅަނދު މަދޭދޯ. ވޯޓްހޯދަން އެކަހަލަ ފޮޓޯގަނޑަކުން ވެސް ފުދޭވިއްޔަ. ގަމާރީދޯ... ދެން އެބުނާމީހަކައް ވޯޓްލާ. ތިތަކެތި ރިޔާސީ އިންތިހާބު އަންނަންވާއިރައް ލައްވާލާނެބާ.