ކަސްޓަމްސް ލެބޯޓްރީގެ ވަސީލަތް ތަރައްޤީކުރުމަށް ޖަޕާންގެ ފަރާތުން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.

މިކަން ހަމަޖެހިގެންދިޔައީ ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ކައުންސިލް ސެޝަންގެ ހަވާސާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު، ދުނިޔޭގެ އެކި ކަސްޓަމްސްތަކުގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ. މީގެތެރޭގައި ޖަޕާން، ކޮރެއާ، އިންޑޮނޭޝިޔާ އަދި އެމެރިކާ ހިމެނެއެވެ.

މި ބައްދަލުވުންތަކުގައި ދިވެހި ކަސްޓަމްސްއަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ޚިއްޞާކުރެވިފައިވާ ކަމަށާއި ކަސްޓަމްސްގެ ތަރައްޤީއަށް އެގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

މިގޮތުން ރިސްކް މެނޭޖްމެންޓް އާއި ކަސްޓަމްސް ލެބޯޓްރީގެ ވަސީލަތް ތަރައްޤީކުރުމަށް ޖަޕާންގެ ފަރާތުން ޚާއްޞަ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ބްރަސަލްސް އަށާއި ޔޫރަޕިއަން ޔޫނިއަން އަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު އަޙުމަދު ޝިޔާން އާއިވެސް ކޮމިޝަނަރ ޖެނެރަލް ބައްދަލުކުރެއްވިއެވެ. މިބައްދަލުވުމުގައި ޔޫރަޕުން ރާއްޖެއަށް ދަތުރުކުރާ ޓޫރިސްޓުންނަށް ކަސްޓަމްސް ދާއިރާއިން އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މައުލޫމާތު ސަފީރު ޚިއްޞާކުރެއްވިއެވެ.

ކޮންމެ އަހަރަކު 1 ފަހަރު ބެލްޖިއަމްގެ ބްރަސަލްސްގައި ބާއްވާ މި ކައުންސިލް ސެޝަނަކީ ދުނިޔޭގެ ކަސްޓަމްސްތަކުގެ އެންމެ އިސްވެރިން އެއްތަނަކަށް އެއްވެ، ކަސްޓަމްސް ދާއިރާއިން ތަރައްޤީކޮށް ރަނގަޅުކުރަން ހުރި ކަންކަން ފާހަގަކޮށް މަޝްވަރާކުރުމަށް ބާއްވާ ޖަލްސާއެކެވެ.

މިއަހަރުގެ ޖަލްސާގައި ކުރިއަށްއޮތް 5 އަހަރަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މިހާރުވެސް އެމަޤާމް ފުރުއްވަމުންގެންދަވާ ޖަޕާންގެ މރ. ކުނިއޯ މިކުރިޔާ އައްޔަންކުރުން އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީގެ މަލީ

    ކުރިންވެސް ޖަޕާން ކަސްޓަމްސުން ދިން ލެބްއެއް އެތާގަ މިހާރު މަސްފިހަނީ،،، ސައިކޮޓަރި ހަދައިގެން ތިބީ،، ކޮންމެ އެއްޗެއް ދިނަސް ތިތާގެ ވެރިންނަށް ތިބީ ފޫހަރައިގެން މަސީހު، އަބްދުއްﷲ ވަހީދު، ފަދަ މީހުން ބޭރު ނުކޮށް ވާނެ ކަމެއް ހަރާމް