ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަނީ ރައީސް މުހައްމަދު ސޯލިހް އަންގަވައިގެން ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ބުނަމުންދާ ސަބަބުތައް މި ދެ ޕާޓީގެ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކިޔައިދެއްވައިފިއެވެ.

އެމްއެންޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވަނީ ނާޒިމްގެ އިތުރުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ. މިއީ ރައީސް ސޯލިހްގެ އިރުޝާދުގެ ދަށުން އުފައްދާ ޕާޓީއެއް ކަމަށް ފުރަތަމަ ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމްއެވެ. އޭގެ ފަހުން އިދިކޮޅުން އެ ގޮތަށް ތުހުމަތު ކުރާއިރަށް ނާޒިމް އެ ކަން ދޮގު ކުރައްވާނެއެވެ.

"އަވަސް" ނޫހުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އަދުރޭ ވިދާޅުވި ގޮތުގައި އެ ޕާޓީ އުފައްދަވަނީ ދެ ބޭނުމަކުން ކޮންމެ ވެސް އެއް ބޭނުމެއް ފުއްދުމަށެވެ. ފުރަތަމަ ބޭނުމަކީ، އަދުރޭ ވިދާޅުވި ގޮތުން، އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް ގެއްލިއްޖެނަމަ ދެން ވާދަކުރައްވާނެ ޕްލެޓްފޯމެއް އުފެއްދުމެވެ. ދެވަނަ ބޭނުމަކީ، އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ޕީޕީއެމްގެ ވޯޓު ބައިބައި ކުރަން ވެގެން އާ ޕާޓީއެއްގެ ކެންޑިޑޭޓް އިންތިޚާބަށް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއް ގޮތަކީ އެމްޑީޕީގެ ޓިކެޓް ނުލިބެއްޖެއްޔާ [ރައީސް] ސޯލިހް ނުކުންނަވަން ހައްދަވާ ޕާޓީއެއް، އަނެއް ގޮތަކީ އެމްޑީޕީގެ ޓިކެޓް [ރައީސްއަށް] ލިބެއްޖެއްޔާ އިދިކޮޅުގެ ވޯޓް ބައިބައި ކުރުމަށް ޓަކައި އިތުރު ޕާޓީއެއް ނެރެގެން މަސައްކަތް ކުރެއްވުމުގެ ނިޔަތުގައި ހައްދަވާ ޕާޓީއެއް އެއީ،" އަދުރޭ ވިދާޅުވިއެވެ.

އިތުރު ކަމަކަށް އަދުރޭ ފާހަގަ ކުރެއްވި ކަމަކީ ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން މި ސަރުކާރުގައި މަސައްކަތް ކުރެއްވުމެވެ. އަދި އެމްއެންޕީއަށް ސޮއިކުރަމުންދާ ގިނަ މީހުނަކީ ރަށްރަށުގައި ތިބި ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި ކަންތައްތައް މިހެން މި ވަނީ [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ނާޒިމް މެންނަށް އެހީތެރިކަން ފޯރުކޮށްދޭން ކަމަށް ވާތީވެ، މި ސަބަބުތަކާ ހުރެ އަޅުގަނޑުމެން އެމްއެންޕީއާއި ރައީސް ސޯލިހްއާ ގުޅުވަން ޖެހޭ ސަބަބަކީ،" އަދުރޭ ވިދާޅުވިއެވެ.

އެމްއެންޕީއާއި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ މަސައްކަތް ކުރަން ޖެހޭ ސަބަބެއް އަތުވެދާނެތޯ ސުވާލު ކުރުމުން އޭގެ ޖަވާބުގައި އަދުރޭ ވިދާޅުވީ ގައުމީ މަސްލަހަތު ބޮޑު ކަމެއްގައި ޕީޕީއެމްއާއި ޕީއެންސީން ކޮންމެ ބަޔަކާ އެކު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ގޮތަށް މަސައްކަތް ނުކުރައްވާނީ ހަމައެކަނި އެމްޑީޕީއާއެކު ކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންވިޔަސް މި ސަރުކާރުގެ ލީޑަރުންނަކީ "ގައުމަށް ޣައްދާރުވެ ތިބި ބައެއް" ކަމުގައި ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މުފައްކިރު

  ގައުމަށް ލޯތްބެއް ހުރި މީހަކަށް ވިސްނޭނެ އެއްކަމަކީ މިސަރުކާރުން ރައްޔަތުން ނަށް ފައިދާ ހުރި މަޝްރޫއެއް އަމިއްލަ އިސް ނެގުމަކުން ކުރިޔަށް ނުދާކަން. އެހެންވީމާ ޕީޕީއެމް ގެ ސަޕޯޓް ބަދަލެއް ނުކުރެވޭނެ. ޕީޕީއެމްގެ ސަޕޯރޓް ދާނީ އިތުރުވަމުން އާޚިރު ނަތީޖާ އަކަށްވާނީ ރައްޔަތުންގެ ޕްރެޝަރުން ޔާމީން ވެރިކަމަށް އައުން.

 2. ދަރަނި ދަންތުރަ

  ސަތޭކައިގެ ވާހަކައެއް ، ކާނަލް ނާޒިމްގެ އޯޑަރަށް އެމް ޓީ ސީ ސީ ، ފެނަކަ ، އެމް ޑަބުލިޔު އެސް ސީ ގެ ވަޒީފާތަށް ނާޒިމް ޕާޓީޔަށް ސޮއިކުރާ ފަރަތްފަތަކަށް ހަމަޖައްސަމުންދަނީ ސޯލިހުގެ ހަތަރެސްފައި އޮތީ ތިޔަ ޕާޓީ ތެރޭގައި

 3. އަހުމަދު

  މިވަގުތު ފެންނާންތިބި ގިނަ ލީޑަރުންނަކީ ވައްކަންކުރި މީހުނާއި، ވައްކަން ކުރަމުންދާ މީހުނާއި، ޚިޔާނާތްތެރިން ކަމުގައި ޤަބޫލު ކުރެވޭތީ ރައްޔިތުން މިތިބީ ފަސްބައި ސާފު ވެރިއަކަށް އެދިއެދި. މިހާރު ތިބި ވަގުންތައް ކޮންމެ އެއްޗެކޭ ކިޔަސް ކުރިމަތި ލައިގެން ފިސާރި ކެރިގެން ލީޑަރަކު އެބަޖެހޭ ނިކުންނަން.

 4. އީސަ

  މިއަދުރޭގެ ސަބަބުން ޙާޤީޤަތުގައި ޕީޕީ އަށް ވަނީ ގެއްލުމެވެ. މާބޮޑަށް އަނގަތަޅަން ހަދައިގެން މީހުން ވަނީ ފޫއްސެވެ. އެހެން ކަމެއް ކުރަން ނޭނގޭތީ މަތީފަޑީގައި ވަރުގަދަވާންވެގެން ދެން ތަޅަނީ ބޭކާރު އަނގައެވެ. މިރާއްޖޭގައި އެއްބުރުން އިންތިޚާބު ކާމިޔާބުކުރެވޭނެ ޕާޓީއެއް ލީޑަރެއް ެތެވެ. އެހެންކަމަށްވާއިރު ދެން ކޯލިޝަން ހަދަންތިބި މީހުންނާ ގާތްނުވެވޭވަރަށް އަޅައިގެން އުޅުނީމާ ވާނީ ޔާމީނަށްވެސް ނުވަތަ ދެން ލީޑަރަކަށް ވާންހުރި މީހަކަށްވެސް ދެރައެވެ. އެހެންކަމުން އަދުރޭ ގާތުގައި ބުނެލަން ބޭނުންވަނީ ކޮންމެ ޖަލްސާއަކަށް އަރައިގެން ހުސް އެއްވާހަކަތަކެއް އަޑުގެ ކޮޅަށް ގޮވައި ބޭކާރު އަނގަތެޅުމުގެ ބަދަލުގައި ލީޑަރެއްގެ ހައިސިއްޔަތުން ތަނކޮޅެއްް ހަރުދަނާ ޒިންމާދާރު ވާހަކަތައް ދައްކާށެވެ. މިއަދަ ވަރަށް މޮޅު މީހުންގެ ޒަމާނެކެވެ. ޕީ އެޗް ޑީ މާސްޓރޒް ފެންވަރުގެ މީހުން ފަހަތުގައި ބައިތިއްބައިގެން ބިރުކުޑަކަމާއި ލަދުނުގަންނާތީ ތިހެން އުޅުނަސް ތީ މިހާރު ތިންވަނަ ދަރަޖައިގެ މީހުންނެވެ. ޕާޓީގައި ޅެންތައްހަދައި ޝިޢާރަތައް ލިޔެދޭން ހުންނާށެވެ. ޕާޓީދެކެ އެތެރޭންނާއި ބޭރުން މީހުން ފޫހިވާ ކަހަލަ ވާހަކަ ނުދައްކާށެވެ. ވަރަށް ސަލާމް