އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންއާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ލުން ފަށައިފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިޚާބު ފެށީ މިއަދު ހެނދުނު 9:00 ޖަހާކަށް ހާއިރެވެ. އަދި ހަވީރު 5:00 ޖަހަން ދެން އިންތިޚާބު ކުރިއަށް ދާނެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ.. -- ވަގުތު އިމޭޖަސް އަހުމަދު އަޝްހާދު އަބްދުﷲ

ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލަކާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން 3 ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި އެ ރަށެއްގެ ސްކޫލުގައެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ.. -- ވަގުތު އިމޭޖަސް އަހުމަދު އަޝްހާދު އަބްދުﷲ

ގައުމީ މަޖިލީހުގެ 455 މަގާމަށް 733 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ގިނަ ކެންޑިޑޭޓުންތަކެއް މި ފަހަރު ވާދަކުރައްވަނީ ގިނަ މަގާމުތަކަށް ނަޝީދުގެ ފެކްޝަނުންނާއި ރައީސްގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ނެރުއްވާފައިވެއެވެ. މި އިންތިޚާބުގައި 93،000 އެއްހާ މީހުނަށް ވޯޓު ލެވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ.. -- ވަގުތު އިމޭޖަސް އަހުމަދު އަޝްހާދު އަބްދުﷲ

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ނަޝީދުއާއި ރައީސްގެ ޚިޔާލު ތަފާތުވުންތައް އޮތް ކަމުގައި ދެ ރައީސުން ވެސް އަމިއްލަފުޅަށް ފަހުން އެއްބަސްވެވަޑައިގެންފައިވެއެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަޣުލަބިއްޔަތު އޮތީ ރައީސްއަށެވެ. މިހާރު ހިނގަމުންދާ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ވެސް ރައީސްއަށް އެބަ އޮތެވެ. އެހެންވިޔަސް އާންމު މެންބަރުންގެ މެދުގައި މަގްބޫލް ކަން އޮތީ ކޮން ރައީސްއަކަށް ކަން އެނގިގެން ދާނީ މިއަދު ކުރިއަށްދާ މި އިންތިޚާބުގެ ނަތީޖާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ނަޝީދު އައުޓް

  2. ނާދިރާ

    ތިޔަ މަކަރުވެރި ހީލަތްޔެރިންގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާށި. އާމީން

    13
  3. މުހައްމަދު ޒާހިރު (އޯކޭޒާހިރު)

    ފެކުސަން ބެހހ ހީ ނޫސްވެރިން. އަލިފާން ރޯކޮށް ދަރުއެޅުމަކީ މިނިވަން ޑިމޮކުރަސީގެ އަސާސް. މި ހެން ލިޔުނީމާ މި ލިޔުން ކުނިވަށިގަޑަށް ފޮނުވިޔަސް މީ ހަގީގަތް

    2
    6