އެމްޑީޕީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަށް ވެސް، މިހާރު މާބޮޑު ތާއީދެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހާއި ހިޔާލު ތަފާތުވެ ރައީސް ސާލިހު އާއި އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ބޭނުން ނުވާކަމަށް ފާޅުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބަށް އެ ދެ ބޭފުޅުން ތާއީދުކުރައްވާ ކެންޑިޑޭޓުން ނެރެފައިވާ އިރު އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމިގެންދާ ގޮތަކީ ޕާޓީގެ މުސްތަގްބަލް އެކަމެއްގެ މައްޗަށް ބިނާވާނެ ކަމެކެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޕާޓީ އިން ނިންމާ ގިނަ ނިންމުންތަކަށް ބާރު ފޯރުވުމުގައި ވެސް ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ގޮތަކަށް ވަރަށް ބޮޑަށް ބަރޯސާ ވާނެއެވެ.

އެކަން އެގޮތަށް އޮތް އިރު މިހާރު އެމްޑީޕީގެ އެތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ރައީސް ސާލިހު އަށް ތާއީދުކުރާ ބަޔަކާއި ރައީސް ނަޝީދަށް ތާއީދުކުރާ ބައެކެވެ. ވަގުތުގެ "ހަވާސް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް ވިދާޅުވީ މިހާރު އެމްޑީޕީގެ ތެރޭގައި އެއިން އެއްވެސް ބޭފުޅަކަށް ތާއީދު އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ރައީސް ސާލިހު އާއި އެކުގައި ތިއްބެވި ބޭފުޅުން މި ވަގުތު ރައީސް ސާލިހު އާއި އެކުގައި ތިއްބެވީ މަގާމުގެ ބޭނުމުގައި ކަމަށާއި ރިޔާސީ އިންތިޚާބަކާއި ހަމައަށް ދާއިރު ރައީސް ސާލިހު އާއި އެކުގައި އެ މީހުންވެސް ނުތިބޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެމްޑީޕީ އަށް އެންމެ ރަނގަޅު ގޮތަކީ އާ މީހަކަށް ފުރުސަތު ދިނުން ކަމަށް ވެސް އާދަމް ވިދާޅުވިއެވެ. މިހާރު އެމްޑީޕީ އިސްލާހުކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ އާ މީހުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ލިބިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ދެ ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ތާއީދެއް ނެތް. އީވާމެންކަހަލަ ބޭފުޅަކު މާ ރަނގަޅުވާނެ." އާދަމް ވަނީ ވިދާޅުވެފައެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ އިންސާފުވެރިކަމާއި މެދު ވެސް އާދަމް ވަނީ ސުވާކު އުފައްދަވާފައެވެ. އެގޮތުން ރައީސް ނަޝީދު މިވަގުތު ރާއްޖެ އިން ބޭރުގައި ހުންނެވުމުން އެމަނިކުފާނަށް ތާއީދުކުރައްވާ ކެނޑިޑޭޓުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ނުލިބޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ރައީސް ސާލިހް ގެންދެވީ ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ކެމްޕެއިންކުރައްވަމުން ކަމަށް އާދަމް ވިދާޅުވިއެވެ. އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވަކި ބަޔަކަށް ކާމިޔާބު ހޯދާ ދިނުމުގެ ގޮތުން ބައެއް ދާއިރާތަކުގެ މަޝްރޫއުތައް ހިންގާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސައީދު

    އާމްޝަރީފު ތިބޭފުޅާ އަށް ތި އުޅުއްވަނީ ތިބޭފުޅާ ނިސްބަިޔވާ ޕާޓީގެ އެތެރެވެ ރަގަޅަށް ނޭގިގެން ޖަމީލުމެންގެ ހަޤީޤަތް ހޯއްދެވިއްޔާ މާރަގަޅުވާނެ ޔާމީނަށް ފުރުސަތު ގެއްލިފަިފަިވާ މިދަޑިވަޅުގައިވެސް ޖަމީލު މެން ވަހީދުމެންގެ އެއިރުގެ ބަހާއި މިހާރު ގެ ބަސް އަޅާކިޔާލުމުން އެވާގޮތްވެސް އާދަމް ޝަރީފަށް ނޭގި އެހެން ޕާޓީ ތަކާއި ބެހެން ނޫޅުޢްވާ !

    14
    21
  2. ސައީދުގެ އަމާ

    ސައީދުގެ ނަމުގައި ކޮމެންޓުރީ ލިޔުނު މީހާއަކީ ހީވަނީ އެމް ޑީ ޕީ އުފެއްދި މީހާ ހެން، ނުބެހޭކަށް ކަމެއް ނޯވޭ ރޯނުއެދުރު 😂

    2
    2
  3. ސލ

    އީވާ އަކީ ރަނގަޅު ބޭފުޅެކެވެ ތާއީދުކުރަމެވެ.

    1
    1