ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ސިފައިން ބޭނުންކޮށްގެން ބޭރުކޮށްފައިވަނީ މަޖިލީހުން އެ ގޮތަށް އެދި، އިތުރު ގޮތެއް ނެތިގެން ކަމަށާއި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ސަރުކާރާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފާޑުކިއުންތައް އަމާޒު ކުރި އެއް ކަމަކީ ސިފައިން ބޭނުންކޮށްގެން މަޖިލީހުގެ ތެރެއިން މެންބަރުން ނެރުމެވެ. އެކަން ހިނގި އިރު ޑިފެންސް މިނިސްޓަރަކަށް ހުންނެވީ އާދަމް ޝަރީފެވެ. މިހާރު ވެސް މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެންބަރުން އާދަމް ޝަރީފްއަށް ރައްދު ދެއްވާނީ ވެސް "ދަތް ދޮޅި ދުއްވާލަން އެންގި މިނިސްޓަރު" ކަމަށް ވިދާޅުވެއެވެ.

މިއަދު ހެނދުނު ކްލަބް ހައުސްގައި ކުރިއަށް ދިޔަ "ވަގުތު" ގެ "ހަވާސް" ގައި މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އާދަމް ޝަރީފް ވިދާޅުވީ އޭރު ސިފައިން މަޖިލީހުގެ ސެކުއިރިޓީ ބެލެހެއްޓީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ގާނޫނުއަސާސީގައި މަޖިލީހުގެ ހިމާޔަތް ކަށަވަރު ކުރަން ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް އޮންނާތީ އާއި ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ބާރު ފޯރުވުމުގެ ބާރު މަޖިލީހަށް އޮންނާތީ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މަޖިލީހުގެ މެންބަރުން ބޭރު ކުރަން އެ ދުވަހު ޖެހުނީ އެހެން ގޮތެއް ނެތިގެން، ޑިފެންސް މިނިސްޓަރު ކަމުގައި ހުރިއިރު ގާނޫނު އަސާސީއާއި ގާނޫނުތަކާ ޚިލާފް އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މައްސަލަތަކަށް ބަހުސް ކުރާ އިރު އިދިކޮޅު މެންބަރުން ސަރުކާރަށް ފާޑު ވިދާޅުވުމުން، ނިޒާމީ މައްސަލަތައް ނަންގަވައިގެން ޕީޕީއެމްގެ ސަރުކާރުގައި ހިނގާފައިވާ ބައެއް ކަންކަން ވިދާޅުވެ އެމްޑީޕީގެ މެންބަރުން ރައްދު ވެސް ދެއްވައެވެ. ބައެއް ފަހަރު ހައްލުތަކަށް ވާހަކަ ދެއްކެވުމުގެ ބަދަލުގައި އޮންނަނީ ވެސް ދެ ސަރުކާރު ހިނގާފައިވާ ކަންކަން ފާހަގަ ކުރައްވައި ޒުވާބު ކުރެއްވުމެވެ.