ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި ހުންނެވި ނަމަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެކަހެރިކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހަށް އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ލިބިވަޑައިގަތް ކަމާއި، ކަޅު ދަބަސްތަކެއްގައި ފައިސާ ގެންގޮސްފައި ހުންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން ރައީސް އެކަހެރިކަން އާދަމް މައްސަލައެއް ހުށަހެޅުއްވިއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާނުކޮށް އެޖެންޑާގައި ހިމެނޭހެން އެހެން މައްސަލަތައް ގެންދިޔައެވެ. ފަހުން މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލަ އެޖެންޑާ ނުކުރި ސަބަބަކީ މަޖިލީހުގެ ގަވާއިދު ބަޔާން ކުރާ ކުއްލި މައްސަލައަށް އެ މައްސަލަ ނުފެތޭތީއެވެ.

ކްލަބް ހައުސްގައި "ވަގުތު" އިން ކުރިއަށް ގެންދިޔަ "ހަވާސް" ޕްރޮގްރާމްގައި ކުރެވުނު ސުވާލެއްގެ ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާން ކުރާ ކުއްލި މައްސަލަތަކުގެ ބާވަތްތަކަށް ފުށުއަރާނެ އެއްވެސް ކަމެއް އޭގައި ބަޔާން ކޮށްފައި ނޯންނާނެ ކަމަށެވެ.

"އެއީ ރައްޔިތުންގެ މަޖިލީހުން، މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ވެސް، ރަނުން ރަނަށް ބެލޭނެ މައްސަލައެއް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ ކުއްލި މައްސަލަ އެޖެންޑާ ނުކުރީ އޭގައި ރައީސް ސޯލިހް އެކަހެރި ކުރަން އޮތުމުން ކަމަށެވެ. އެހެންވިޔަސް ނަޝީދު މަޖިލީހުގައި ހުންނެވި ނަމަ އެ އެޖެންޑާ ކޮށްދެއްވާނެ ކަން ޔަގީން ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދު މަޖިލީހުގައި ހުންނެވި ނަމަ އެ އެޖެންޑާ ކޮށްދިނީސް، ކުރިން ވެސް އެމަނިކުފާނު ހުންނެވި އިރު އެޖެންޑާ ކޮށްދެއްވާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް ބޭރަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު އުޅުއްވަނީ ބޭރުގައެވެ.

ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ދޮޅު މަހެއްހާ ދުވަހު ނަޝީދު ފަރުވާ ހޯއްދެވި އިރު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. މަޖިލީހުގެ އިދާރާއަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅެއްގައި ވަނީ ހަމަލާ ރޭވި މީހުން އަދިވެސް ނުހޯދޭތީ ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޗުއްޓީ އިތުރުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނަޝީދަށް ދިން ހަމަލާގެ މައްސަލާގައި 10 މީހަކު ހައްޔަރުކޮށްފައިވެއެވެ.

ނަޝީދުއާއި ރައީސް ސޯލިހްއާ ދެމެދު ސިޔާސީ ވާދަވެރިކަމެއް އުފެދި އެމްޑީޕީގެ އެތެރޭގެ މަސްރަހު ވެސް ވަނީ ގޯސްވެފައެވެ. ރައީސް ސޯލިހް ވިދާޅުވާ ގޮތުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ "ފުލް ކޮންޓްރޯލް" އޮތީ އެމަނިކުފާނަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމިއްޓޭ

    ދެން ހާދަ އަންނިވެގެން ތިއުޅެނީ. އަނެއްކާ ލީކެއް ބަސްޓުވީތަ

  2. ބަކުރު

    ގެރަންޓީ ތިކަންކުރާނެ ސޯލިހަކީ ކަޅުފައިސާ ެުެެުެުެެު އުފުލިމީހެެއް 35 މިލިޔަނަކީ މަދުއަދަދެއްތޯ ކުއްވެރިޔާ އިސްތިއުފާދިނުން ބުއްދިވެރި.