އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އިންސާފުވެރި ނޫން ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމަނިކުފާނު ބޭނުންވާ ބޭފުޅުންނަށް ތާއީދު ހޯއްދަވަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
"ވަގުތު" ގެ "ހަވާސް" ޕްރޮގްރާމްގައި އާދަމް ޝަރީފް ވަނީ އެމްޑީޕީގެ ތެރޭގައި ނަޝީދާ މެދު މިހާރު އަމަލުކުރަމުން ދަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ފާހަގަކުރައްވައިފައެވެ. އެގޮތުން މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ނަޝީދާއި ރައީސް ސޯލިހު އާ ދެ ބޭފުޅުންގެ ތެރެއިން އެމްޑީޕީގައި ތާއީދު ބޮޑީ ކޮން ބޭފުޅަކަށްތޯ ނިންމާ އިންތިޚާބެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިރު އެ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބެލެވޭނެ ކަންކަން އެބަ ހުރި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އެގޮތުން ރައީސް ސޯލިހު ދައުލަތުގެ ޚަރަދުގައި ކުރައްވާ ދަތުރުތަކުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފާކަމަށް އާދަމް ވަނީ ތުހުމަތުކުރައްވައިފައެވެ. އަދި ރައީސް ސޯލިހު އެފަދަ ދަތުރުތަކުގައި ވަޑައިގެން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުންނަށް ކެމްޕެއިންކޮށްދެއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ދައުލަތުގެ ވަސީލަތް ބޭނުންކުރައްވައިގެން ވަޑައިގެން ބޭނުންވާ ބޭފުޅުންނާ އެބަ ބައްދަލުކުރައްވާ. ވަކި ބޭފުޅުންނަށް މަގާމުގެ ބިރު އެބަ ދައްކަވާ. މި ދަނޑިވަޅާއި ދިމާކޮށް ވަޒީފާ އެބަދޭ. ރައީސް ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި. ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާ." އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މި ވަގުތު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންވެސް ކޮންޓްރޯލްކުރައްވަނީ ރައީސް ސޯލިހު ކަމަށް އާދަމް ވިދާޅުވިއެވެ. ނަމަވެސް އެއީ ރައީސް ސާލިހު އަށް ތާއީދު އޮވެގެން ވާ ކަމެއް ނޫން ކަމަށާއި، މެމްބަރުން ރައީސް ސލިހު އާއި އެކުގައި ތިބީ ދާއިރާގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާތީ ކަމަށް އާދަމް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބާއި ހަމައަށް ދާއިރު ރައީސް ސާލިހު އާއި އެކުގައި އެމްޑީޕީގެ މެމްބަރުން ތިބޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގައި މިހާރު ރައީސް ސާލިހު އާއި ރައީސް ނަޝީދަށް ވެސް ތާއީދު ނެތްކަމަށް ސިފަކުރައްވާ އާދަމް ވިދާޅުވީ އެމްޑީޕީގެ ތެރެއިން އެ ދެ ބޭފުޅުން ނޫން ބޭފުޅަކަށް ފުރުސަތު ދިނުން މާ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީ އަށް ފައިދާވާ ހާލަތެއްގައި ރައީސް ސޯލިހު އާއި ނަޝީދާ ދެ ބޭފުޅުން އަދިވެސް އެކުގައި މަސައްކަތްކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އާދަމް ވަނީ ވިދާޅުވެފައެވެ.
ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަތް ބައެއްގެ އޮންނާނީ ކޮން އިންސާފެއް
ޔާނު ވައްކަންކުރުން އޯކޭދޯ. ޙެހެ
ދަތްދޮޅި ދުއްވާލުން އިންސާފުދޯ. މިކަހަހަލަ ކަނޑުކޮހުންވެސް ޖެހޭ އަނގަހުޅުވަން.