މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރެގެ އިންތިޚާބަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމާއި މެދު އެމްޑީޕީގެ އެތެރޭގައި ކުރިއަށްދާނެ ފަހު ތަޅާލުންގަނޑު ކަމަށް ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްމަބރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ އިރު އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސާލިހު އަށް ތާއީދުކުރާ ފެކްޝަންތަކެއް ވަނީ އުފެދިފައެވެ. އަދި ނަޝީދާއި ރައީސްގެ ޚިޔާލު ތަފާތުވުންތައް އޮތް ކަމުގައި ދެ ރައީސުން ވެސް އަމިއްލަފުޅަށް ފަހުން އެއްބަސްވެވަޑައިގެންފައިވެއެވެ. ރައީސް ނަޝީދު ވަނީ ރައީސް ސާލިހާއި އެކު ސިޔާސީ މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެއާއި އެކު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ މެޖޯރިޓީ އެ ދެ ބޭފުޅުންނަށް ވެސް ވަރަށް މުހިންމުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެކަމަށް އިޝާރާތްކުރައްވާ ޖާބިރު "ވަގުތު" އަށް ވިދާޅުވީ މި އިންތިޚާބަކީ މުޅި ގައުމަށް ވެސް މުހިންމު އިންތިޚާބެއް ކަމަށާއި މިއީ ސިޔާސީ ދާއިރާގައި ބޮޑު ދުވަހެއް ކަމަށެވެ. އެހެންކަމުން އެ އިންތިޚާބުގެ ކަންކަން ޑީއާރުޕީން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"މިއީ ފަހު ތަޅާލުންގަނޑު ނޫންތޯ ކުރިއަށް މިދަނީ. ވަރަށް މުހިންމު ވޭ މި ތަޅާލުންގަނޑު ކުރިއަށް ދާގޮތެއް ބެލުން. ޑީއާރުޕީން މިދަނީ އިންތިޚާބުގެ ކަންކަން ވަރަށް ކައިރިން ބަލަމުން. ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީ އާއި އެކު ކުރިއަށް ދާނެ ގޮތްވެސް އެނގޭނީ އޭރުން." ޖާބިރު ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބު ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށެވެ. .ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލަކާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން ތިން ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގައި އެ ރަށެއްގެ ސްކޫލުގައެވެ.

ވާދަވެރިކަން ބޮޑުކޮށް ކުރިއަށް ދާ މިފަހަރުގެ ގައުމީ މަޖިލީހުގެ 455 މަގާމަށް 733 ކެންޑިޑޭޓުން ވާދަކުރައްވައެވެ. ގިނަ ކެންޑިޑޭޓުންތަކެއް މި ފަހަރު ވާދަކުރައްވާއިރު ގިނަ މަގާމުތަކަށް ނަޝީދުގެ ފެކްޝަނުންނާއި ރައީސްގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ނެރުއްވާފައިވެއެވެ. މި އިންތިޚާބުގައި 93،000 އެއްހާ މީހުނަށް ވޯޓު ލެވެއެވެ.

މިހާރު އޮތް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، މިހާރު ހިނގަމުންދާ ގައުމީ މަޖިލީހުގެ ތާއީދުވެސް އޮތީ ރައީސް ސާލިހަށެވެ. އެހެންނަމަވެސް އާންމު މެންބަރުންގެ މެދުގައި މަގްބޫލް ކަން އޮތީ ކޮން ރައީސްއަކަށް ކަން އެނގިގެން ދާނީ މިއަދު ކުރިއަށްދާ މި އިންތިޚާބުގެ ނަތީޖާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭކު ސަވާލް

    ޑރޕ އަކީ ޕާރޓީއެއްތަ؟

  2. އަށްޑަނަ

    މިނަތީޖާ ދަށްކާގޮތުން ސޯލިހު ފެއިލްވެ ރައީސް ނަޝީދު އަށް ކާމިޔާބު ލިބޭނެ އަދި އޭގެފަހުގައި ސޯލިހު ވެރިކަމުން ބޭލޭނެ.