ހުން އައިސް ކެއްސާނަމަ ނުވަތަ ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ޑޮކްޓަރަށް ދެއްކުމަށް އެކުވެނި ސަރަހައްދުގައި ހުންނަ ކުރީގެ ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) އިމާރާތުގައި ފްލޫ ކްލިނިކެއް ގާއިމްކޮށްފިއެވެ.

ރާއްޖޭގައި މިހާރު ރޯގާ އާއި ހުން އައިސް ރިޕޯޓް ކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ބޮޑަށް ބެލެެވެނީ އަރިދަފުސް ރޯގާ ފަދަ ރޯގާއެއް ކަމަށެވެ. އެހެންވުމާއެކު މިހާރުވެސް ރާއްޖޭގައިވެސް ކޮވިޑް-19 ފެތުރެމުންދާތީ އެ މީހުންގެ ތެރޭގައި ބަލި އޮތްތޯ ބަލަން ޓެސްޓު ކުރެއެވެ. ނަމަވެސް ބައެއް ރަށްރަށުގައި އެ ބަލީގެ ނައްސި ނަތީޖާ ފެންނަމުންދާތީ، ބޮޑަށް ބެލެެވެނީ އަރިދަފުސް ރޯގާ ފެތުރެނީ ކަމަށެވެ.

މިއަދު އައިޖީއެމްއެެޗްއިން ބުނީ، އެ ފްލޫ ކްލިނިކްގެ ހިދުމަތް މާދަމާއިން ފެށިގެން ލިިބޭނެ ކަމަށެވެ.

އަދި އެ ކްލިނިކުން ހިދުމަތްދެމުން ދާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:30ން ރޭގަނޑު10:00 އަށް އައިޖީއެމްއެޗްއިން ބުނެފައި ވެއެވެ. އަދި ކޮންމެ ދުވަހަކުވެސް މި ކްލިނިކުން ހިދުމަތް ދެމުންދާނެ ކަމަށް ބުނެފައި ވެއެވެ.

"މިފަދަ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދުރުވުމުގެ ބަދަލުގައި، މި ކްލިނިކަށް ދުރުވެ ޑޮކްޓަރަށް ދެއްކެވުން އެދެން. އަދި ކޮވިޑް- 19ގެ އެއްވެސް އަލާމާތެއް ހުރެ، ހޮސްޕިޓަލަށް ދުރުވެއްޖެނަމަ ހޮސްޕިޓަލުން ބަލި މީހާ ބެލުމުގެ ބަދަލުގައި ފްލޫ ކްލިނިކުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދެވިގެންދާނެ". އައިޖީއެމްއެޗް އިން ބުނެފައި ވެއެވެ