އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ލ ގަން ދާއިރާގެ ރައީސް ކަމަށް ރައީސް ސޯލިހް ފެކްޝަނުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އިންތިހާބުވެއްޖެއެވެ.

ފައްޔާޒް އިންތިހާބުވެފައި ވަނީ އެ ދާއިރާއަށް ވާދަކުރެއްވި ޢަލީ އިބްރާހީމާއި އިސްމާއިލް ޒަކީއާ ވާދަކޮށެވެ.

ފައްޔާޒު ވަނީ ބޮޑު އަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިޚާބު ފެށީ މިއަދު ހެނދުނު 9:00 ޖަހާކަށް ހާއިރެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.