އައްޑޫސިޓީގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހިތަދޫގައި ހުންނަ ޗެކްމާކް ފިހާރަ ކައިރީގައި ހިންގި މި މާރާމާރީގައި ޒަހަމްތަކެއް ވެފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ އެދެމަފިރިން އެސަރަހައްދު ކައިރިން ސައިކަލުގައި ދަނިކޮށެވެ. އެދެމީހުންނަށް ލިބުނު އަނިޔާތަކަށް ބަލާއިރު، ފިރިހެން މީހާގެ ކޮނޑަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކަކާއި އަންހެން މީހާގެ އަތަށް ވަނީ އަނިޔާ ލިބިފައެވެ. އެހެން ނަމަވެސް ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

މި މާރާމާރީގެ އިތުރުން ހަމަ އެދުވަހު މެންދުރުގެ ވަގުތެއްގައި ހިތަދޫ ފްލެޓް ސަރަހައްދުގައި ވެސް ވަނީ ވަޅިން ހަމަލަދީ މީހަކު ޒަހަމް ކޮށްލާފައެވެ. އެހަމަލާގައި ވެސް މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެހަމަލާގައި ޒަހަމް ވެފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.