ކުރިއަށް އޮތް 36 ގަޑިއިރު ރާއްޖެއަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް، ލަފާކުރެވޭ ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރުވެސް ދަނީ ވިއްސާރަކުރަމުންނެވެ. މި ވިއްސާރައިގައި ބައެއް ރަށްތަކަށް ގެއްލުންވެސް ވަމުންދާ ކަަމަށް މައުލޫމާތު ދަނީ ލިބެމުންނެވެ. އަދި މިހާރުވެސް މެޓް އޮފީހުން ދަނީ އެކި ހިސާބުތަަކަށް ސަމާލު ނެރެމުންނެވެ.

މެޓް އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކުގައި އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި މެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ބެލެވޭ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ވިދާޅުވެެފައި ވެއެވެ.

މެޓް އޮފީހުން ވަނީ ކަނޑުތައް ގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތައްވެސް މޫސުމަށް ސަމާލުވުމަށް އެދިފައި ވެއެވެ. ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކާއި، ބްރިޖް އަދި ހަލިމަގުގައި ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު