އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގެ އައްޑޫސިޓީގެ ރައީސްކަން ވެސް ރައީސް ސޯލިހް ފެކްޝަންގެ އަހުމަދު ފައިސަލް ކާމިޔާބު ކޮށްފިއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިހާބު ފެށީ މިއަދު ހެނދުނު އެވެ. ބައެއް ރަށްތަކުގައި ވޯޓުލުން ނިމިފައިވާއިރު، މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާން ކުރަން ފަށާފައެވެ.

އެމްޑީޕީ އައްޑޫސިޓީގެ ރައީސް ކަމަށް ފައިސަލް ހޮވިފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ. ފައިސަލް މި އިންތިހާބު ކާމިޔާބުކުރީ މިހާތަނަށް އެ މަގާމުގައި ހުންނެވި އަހުމަދު އަދުހަމްގެ އިތުރުން އަބްދުﷲ ވަސީމް އާއި އަހުމަދު ޝަރީފްއާ ވާދަކޮށެވެ.

މިއިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މިވަގުތު ކުރި ހޯދާފައިވަނީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.