ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، އަޕަ ސައުތު ޑިވިޝަން (ގއ. ގދ) އަތޮޅު ހިމެނޭ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫން ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފެންމަތިވެފައިވާއިރު، ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ ފެންމަތިވެއެވެ. އެގޮތުން ދާދިފަހުން ވެސް އައްޑޫސިޓީގައި ވަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައެވެ. އެމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ ފުލުހެކެވެ. އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.