މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހއ.ދިއްދޫ ދާއިރާގެ ރައީސަކަށް ނަޝީދު ފެކްޝަންގެ މުހައްމަދު ނައީމް (ނައިންޓީ) އިންތިހާބު ވެއްޖެއެވެ.

ދިއްދޫގެ ފެނަކަ ބްރާންޗުގެ އެމްޑީގެ މަގާމުގައި ހުންނެވި ނައީމް މި މަގާމު ހޯއްދަވާފައި ވަނީ 383ން ވޯޓުންނެވެ. ނައީމު އާއި ދެން ވާދަކުރި ބޭފުޅާ އަށް ލިބިފައި ވަނީ 343 ވޯޓެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެންމެ އިސް ގުނަވަން ކަމުގައިވާ ގައުމީ މަޖިލީހުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވަން ޖެހޭ އެތެރޭގެ މި އިންތިޚާބު ފެށީ މިއަދު ހެނދުނު 9:00 ޖަހާކަށް ހާއިރެވެ.

ދިއްދޫ ފޮށިން މެދު އުތުރު ޕްރޮވިންސް (ހއ،ހދ،ށ) ގެ ރައީސްކަމަށް ކުރިމަތިލާފައިވާ އެރަށު ބޭފުޅެއް ކަމުގައިވާ އަބްދުލް ހަމީދު އީސާ އަށް 491 ވޯޓު ލިބުނުއިރު އީސަ އާއި އެންމެ ގާތުން ވާދަކުރި ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ އިބްރާހިމް ވަހީދަަށް އެރަށުން ލިބިފައި ވަނީ އެންމެ 40 ވޯޓެވެ.

އެމްޑީޕީގެ އެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަން އިންތިހާ އަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި ދިއްދޫ އެމްޑީޕީގެ 95% މެމްބަރުން ތިބީ ނަޝީދު ފަހަތުގައި ކަމަށް އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ. ދިއްދޫ އެމްޑީޕީގެ އިންތިހާބުގައި މިއަދު ވޯޓު ލާފައި ވަނީ 700ވަރަކަށް މީހުން ނަމަވެސް އެރަށުގައި އެމްޑީޕީގެ 1500 އަށް ވުރެން ގިނަ މެމްބަރުން ތިބެއެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ.

މިހާރު ލިބެމުން އަންނަ ނަތީޖާތަކުން މިހައިތަނަށް ގިނަ ދާއިރާތަކެއް އަދި ކާމިޔާބު ކުރަމުން ގެންދަނީ ރައީސް ސާލިހު ފެކްޝަނުންކަން ފާހަގަކޮށްލެވެއެވެ.