މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

މިއަދު ރީނދޫ ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ކޮޅިގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

މީގެ އިތުރުން ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް ކަނޑު ގަދަވެ ބައެއް ރަށްތަކަށް އުދަ އެރުން ވެސް އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 11:30 އާއި ހަމައަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނީ ލަފާކުރެވޭ ގޮތުގައި ހަފްތާއެއްހައި ދުވަސް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އުގައިލްދީދީ

    50 މޭލަށް ވައިގަދަވެ ހެސްކިޔާފަ ވިއްސާރަވީމަ ނެރޭ އެއްޗެއްނު ތިޔަ އެލާޓަކީ. ކުރިއަށް ލަފާކޮށް ބުނާކަށް ނޭނގޭ ހަމައެކައްޗެއްވެސް. އަހަރެމެން މިގެންގުޅޭ ފޯނު އެޕްތަކުންވެސް ތިޔައްވުރެ މާ ސާފުކޮށް ދުރާލާ މޫސުން އެބަބެލޭ. ކީއްކުރާ މެޓެއްތީ؟؟