އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަބްދުﷲ ޝާހިދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފިއެވެ.

މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެކުގައި ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވާ ޝާހިދު ވިދާޅުވީ ގައުމުތަކާ އޮންނަ ގުޅުން ބޭއްވުމަށާއި އދ. އާ އެކު ގުޅުން ބާއްވަން އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ.

އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގައި މޯދީ ވަނީ އިއްޔެ ތަގްރީރު ކުރައްވާފައެވެ. ބޮޑުވަޒީރު މޯދީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ހުރިހާ ޑިމޮކްރަސީގެ "މަންމަ"އަކީ އިންޑިއާއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަންވެސް ކުރައްވާ ޝާހިދު، އާންމު މަޖިލީހުގެ ރިޔާސަތަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ގައުމަކީ އިންޑިއާއެވެ. މިއީ ދުނިޔޭގެ ތާރީހުގައިވެސް، މިހާ މަތީ މަގާމެއް ދިވެއްސަކު ފުރުއްވަމުން ގެންދަވާ ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން ރާއްޖެއަށާއި ޝާހިދަށް ދުނިޔޭގެ ވެރިން ގެންދަވަނީ ތައުރީފް ކުރައްވަމުންނެވެ.

ބޮޑު އަޣުލަބިއްޔަތަކުން ޝާހިދު އާންމު މަޖިލީހުގެ ރިޔާސަތަށް ހޮވިވަޑައިގަތުމަކީ ބައިނަލްއަގްވާމީ މުޖްތަމައުން އެމަނިކުފާނާއި، ދިވެހިރާއްޖެއާއި މެދު ދެކޭ ގޮތުގެ ނަމޫނާއެއްކަމަށް ބޮޓްސްވާނާގެ ރައީސް މޮކްގްވިސްތީ މަސީސީ ވަނީ އދ. ގައި ތަގްރީރު ކުރައްވަމުން ވިދާޅުވެފައެވެ.

ޝާހިދުގެ ޑީޕްލޮމެޓިކް ތަޖުރިބާއާއި، ގާނޫނު ހަދާ މަޖިލީހުގެ ތަޖުރިބާގެ އިތުރުން ސަރުކާރުގެ ތަޖުރިބާގެ އަލީގައި މިއަހަރުގެ އާއްމު މަޖިލީހުގެ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  އެމެރިކާގެ ކޯޓުގެ ތެރެއިންތަ؟ ޝާހިދުމެން ލަދެއް ނުގަނޭތަ އިންސާނީ ހައްޤުއޭ ކިޔާ ޖަމާއަތުން މިދުނިޔޭގަ މިހާރު ހުރި އެންމެ ބޮޑު ގާތިލު ކަމަށް ބުނާ ކަލޭގެއާ ބައްދަލު ކުރަން؟
  މުސްލިމުންނާއި ސިކުންނާ މަރަމުންއެދަނީ އެއްވެސް ރަހުމެއްނެތި.
  އޭގެ އިތުރަށް ހެރޮއިން ޑީލަރ އެއްކަމުގެ ލައްގަނޑު ޖެހިފަ މިހާރު އެއޮތީ.

 2. Anonymous

  ލަދުވެތި ބައްދަލުވުމެއް. އދ ގެ އިސްމަގާމެއްގަ ހުރިމީހަކު މިފަދަ ނުބައި ލާއިންސާނީ އަމަލު ހިންގާ މީހުނާ ބައްދަލެއް ނުކުރާނެ.
  މުސްލިމުންގެ ޖައްލާދެއްކަމަށް ބުނަމުންދަނީ. ކަޝްމީރުގެ އެތައް ބަޔަކަށް ނުހައްޤުން އަނިޔާދީ އެތައް ބައެއް މަރަމުންދާކަމުގެ ތުހުމަތު ކުރެވޭ މީހެއް. މިކަލޭގެ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގެންދާނެ. ސީދާ ޖެނޮސައިޑެއް ހިންގަމުން އެދަނީ.

 3. އައްޑޫ މީހާ

  މޯދީއާއި ބައްދަލުކުރި އިރު ދިވެހީން ބޭސްފަރުވާއަށް އިންޑިއާއަށް ދާންޖެހޭ ކަމާއި އެހާ ބަލާވެރިކަން ބޮޑުކަމާއި ވިސާވެސް ލިބެނީ އެހާ އުނދަގުލުންކަމާއި މިވާހަކަ ވެއްޖެދޯ ދައްކަން މުޅި ގައުމު އިންޑިއާއަށް ވިއްކި އިރު ކީއްތަވާނީ މިހިރަ ކަންކަން ރަނގަޅު ކުރަން

 4. މ

  ތި ތިބީ އެކަތީގެ ދޭތި އެއްތަންވެފަ. ސައިޒަށް ބެލިޔަސް އަމަލުތަކަށް ބެލިޔަސް. ދެ ގެރި ވިއްޔާ. ގެރި މޯދީ ގެރި ޝާހިދު