އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީ ގަބޫލުނުކުރައްވާނެ ކަމަށް މާލެ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

އަކްރަމްއާ ވާދަކުރައްވާ ބޮޑު ތަފާތަކުން މާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުއެވެ. ގިނަ ފޮށިތަކުން ކުރި ހޯއްދެވީ ޝިފާއެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާ އަކްރަމްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެކްޝަންގެ ބޭފުޅެކެވެ. އަދި ޝިފާއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ ބޭފުޅެކެވެ.

އަކްރަމް '"ވަގުތު"އަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާ ހުންނެވީ ބަލި ގަބޫލުކުރައްވާ ގޮތަށް ނޫން ކަމަށެވެ.

"ބަލިވި ކަމަށް ގަބޫލެއް ނުކުރައްވަން، ކާމިޔާބު ނުވިޔަސް" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ޝިފާއަށް އިންތިހާބު ކާމިޔާބުވީ މުޅި ޕާޓީގެ ލީޑާޝިޕާއި، މަޖިލީސް މެންބަރުން އޭނާއާ ދެކޮޅަށް ނިކުމެވަޑައިގެން އެންޓި ކެމްޕޭނު ކުރެއްވުމުންނެވެ.

"ޓީވީ ތަކުގައި އާއި މަޖިލީސް ގައި އިންތިހާއަށް ވަގަށް ގޮވަށް އެންޓި ކެމްޕޭނު ކުރި" އަކްރަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ލިސްޓު އެ ޕާޓީން އާންމު ކުރިއިރު ފުރަތަމަ އަކްރަމްގެ ނަމެއް ނެތެވެ. ލިސްޓުން އަކްރަމްގެ ނަން އުނިކުރީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ. ނަމަވެސް ފަހުން އެ ނިންމުން މުރާޖައުކޮށް ދިނުމަށް ހުށަހެޅުމުން، އަލަށް އިންތިހާބުވި އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ވަނީ އޭނާއަށް ވާދަކުރެވޭނެ ކަމަށް ނިންމިއެވެ.

އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސް ސޯލިހްގެ ފެކްޝަނާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ވާދަވެރިކަން ބޮޑު އެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ ފެކްޝަނުންނެވެ.

ގައުމީ މަޖިލިސް އިންތިހާބުގައި 97 ގޮނޑީގެ ތެރެއިން މިހާރު ރައީސް ސޯލިހް ފެކްޝަންގެ 66 ގޮނޑި ލިބިގެން އޮތީ ކުރީގައެވެ. ނަޝީދު ފެކްޝަން އަށް ލިބިފައި ވަނީ އެންމެ 33 ގޮނޑިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ ހަމީދު

    ގަބޫލުކުރިޔަސް ނުކުރިޔަސް ތިބޭފުޅާ މިހަފަރު ސޮރީ ދެންދޭ ކޮންމެވެސް އެހެންބަޔަކު މަގުފުރައްދަން!

  2. ާައަހުމަދު

    ދެން އިސްތިއުނާފު ކޮމެޓީއަށް ހުށައަޅާގެން އިތުރު ގޮންޑިއެއް ހޯދާ.

  3. 🙄

    66+33 ≠ 97