އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީން ކަނޑާލާފައިވާ މެންބަރުންނާއި ޕީޕީއެމްގެ މެންބަރުން ވޯޓު ދިން ކަމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 93،000 އެއްހާ މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ދެވިފައިވާ އިރު، އެ ލިސްޓުގައި ޕީޕީއެމްގެ މެންބަރުންނާއި ޕީޕީއެމްގެ ކައުންސިލަރުންގެ އިތުރުން ދާދި ފަހުން އެމްޑީޕީން ކަނޑާލި ބައެއް މީހުންގެ ނަން އޮވެގެން ކުރިން ވެސް މި ޝަކުވާ ބޮޑުވެގެން ދިޔައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު އިއްޔެ ކުރިއަށް ދިޔަ އިރު އެ ޕާޓީން ވަކިކޮށްފައިވާ ޝުއައިބް އަލީ (ފުރަހަނި ޝުއައިބް) ވޯޓު ދީފައިވެއެވެ. ޝުއައިބް ވޯޓު ދެމުން ދިޔަ މަންޒަރު ހިމެނޭ ވީޑިއޯއާއި ފޮޓޯތައް ދަނީ މީސް މީޑިއާގައި ދައުރު ކުރަމުންނެވެ.

މިއާއެކު އޭނާއަށް ވޯޓު ލާން ފުރުސަތު ދެވުނު ގޮތަކާ މެދު ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އަދި ޝުއައިބް ޕާޓީން ވަކިކޮށްފައި ނުވަނީތޯ ވެސް ސުވާލު އުފައްދާފައިވެއެވެ.

މީގެ އިތުރުން ދާދި ފަހުން ޕީޕީއެމްއަށް ސޮއިކުރި މީހަކު އޭނާގެ ނަން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓާސް ލިސްޓުގައި އޮތުމުން، އިއްޔެގެ އިންތިޚާބުގައި ވޯޓު ލައިފައެވެ. އެއަށް ފަހު ޕީޕީއެމްއަށް ސޮއިކުރި ފޮޓޯއަކާއި އެމްޑީޕީ އިންތިޚާބުގައި ވޯޓު ދިން ފޮޓޯއެއް ހިމަނާފައި ޓްވީޓެއް ވެސް ކުރިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެހެން ޕާޓީތަކުގެ މީހުން ވޯޓު ދެވުނު ގޮތާއި ޝުއައިބަށް ވޯޓު ދެވުނު ގޮތް ސާފު ކުރުމަށާއި އެމްޑީޕީން އެ މައްސަލަ ބަލަމުންދޭތޯ ޔަގީން ކުރަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ބަހެއް ލިބޭ ގޮތެއް ނުވެއެވެ.

މި އިންތިޚާބުގައި އޮތީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަމެވެ. މި ދެ ފެކްޝަންއިން ވެސް މަގާމުތަކަށް ކެންޑިޑޭޓުން ނެރުނެވެ.

ގައުމީ މަޖިލީހުގެ އިންތިހާބުގައި 97 ގޮނޑީގެ ތެރެއިން 66 ގޮނޑި ރައީސް ސޯލިހްގެ ފެކްޝަނުން ކާމިޔާބުކޮށްފައިވެއެވެ. ނަޝީދުގެ ފެކްޝަނަށް ލިބުނީ 33 ގޮނޑިއެވެ. މީގެ އިތުރުން ވަޒީރުންގެ ގޮނޑިއާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް ރައީސްއަށް ގައުމީ މަޖިލީހުގައި 100 އަށް ވުރެ ގިނަ ބޭފުޅުން ތިއްބަވާނެއެވެ.

އެމްޑީޕީ ވެރިކަމުގައި އޮންނަ ނަމަ، ޕާޓީގެ ގައުމީ މަޖިލިސް އެކުލެވިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނާއި އެމްޑީޕީގެ ލީޑާޝިޕްއާއި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރު އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ހިމެނޭ ގޮތުންނެވެ. އިއްޔެ އިންތިޚާބު ކުރީ މީގެ ތެރެއިން ދާއިރާތަކުގެ ރައީސުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާދަނު

    އަހަރެންނަކީ އެއްވެސް ޕާޓިއެއްގައި ރަޖިސްޓްރީކޮށްފައިވަ މީހެއްނޫން. އަހުރެންކައިރީގައި ނަމްބަރ 1 އަށް ވޯޓެއްލާދޭށޭބުނުމުން ވޯޓުލިން. ލިސްޓުގައި އޮތްތޯ ނުބަލާ! އައިޑީކާޑް ދައްކާށޭ ބުނީމަ ދައްކައިލިން. ނުވެއްބަލާ! ދެންދިނީ ދެ ކުލައިގެ ދެ ކަރުދާސް!

  2. އަހަރެން

    ކައުންސިލް އިންތިހާބަށް އެންޑީޕީ އިން ޕީޕއެމަށް ބަދަލްވި ގިނަ ބަޔަކު ވޯޓްލި ފަހަރެއް...

  3. އިލްޔާސް ވަހީދު

    ގިނަމީހުން 2 ފަހަރު ވޯޓްލިކަމައް ވަނީ

  4. ޙހހހ

    ބޭނުންވާ ބަަޔަކު ނުހޮވުނީދޯ

  5. ޙހހހ

    ބަލަ ތިތަނަށް އެމީހުންވަނީ ދަންވަރުތޯ ، މިހާރު ތި ވާހަކަދައްކަން

  6. އިރުއަލި

    އެކަކު ދިހަ ބާރަ މީހުންގެ ވޯޓު ލެވޭގޮތަށް އޮތުމަކީ، ޑިމޮކްރަސީ ފައްކާވެ ބިމައްފައިބާފަ އޮތްވަރު ހާމަވެގެންދާ ކަމެކެވެ.
    ހއ ތުރާކުނުގަ ހުންނަމީހާ ގެ ވޯޓު މާލޭގެ ފޮއްޓަށް އެބަލެވެއެވެ.

  7. ބޯޖަލީލު

    ބާރަށުގަ ވެސް ތިޔަކަހަލަ ހަޑިޔެއްހޭވި ޕީ ޕީ މީހުންވެސް ނައުސާދަށް ވޯޓުލީ