އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާ ދެކޮޅަށް ކޮރަޕްޝަންގެ އެއްވެސް ތުހުމަތެއް ކުރެވިފައި ނުވާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

ސަންޖޭ ސުދީރު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަން ކުރީ މާޗް، 2019 ގައެވެ. މިވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ސަފީރު ވަނީ ރާއްޖެ އަށް ގިނަ ހިދުމަތްތަކެއް ކުރައްވައިފައެވެ. ސަންޖޭ ސުދީރު ރާއްޖޭގައި ހުންނަވާ މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް އިންޑިއާ އިން ވަނީ ރާއްޖެ އަށް އާ ސަފީރަކު އައްޔަން ކުރަން ނިންމައި އެކަން އިއުލާންކޮށްފައެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" އިން ވަނީ ސަންޖޭ ސުދީރު އަނބުރާ ގައުމަށް ގެންދަން އިންޑިއާ އިން ނިންމާފައިވަނީ ސަފީރާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެގެން ކަމަށް ބުނެފައެވެ. އެގޮތުން ރާއްޖޭގައި އިންޑިއާގެ ލޯނުތަކުން ހިންގާ މަޝްރޫއުތައް އިންޑިއާ ސަފީރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ދިނުމަށް މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ. މިކަމާ ގުޅިގެން އިންޑިއާގެ ބައެއް ކޮންޓްރެކްޓަރުން ކަމާބެހޭ އިދާރާތަކުގައި މައްސަލަ ޖައްސާފައިވާ ކަމަށް ބުނެ އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވާހަކަ ދައްކަވަނީ. ---

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި އިންޑިއާ ސަފީރާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި ސަފީރުގެ ނަން "ކިލަނބު" ކޮށްލަން ބަޔަކު ދައްކަމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ވެސް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

"އެއްވެސް ކޮންޓްރެކްޓަރަކާ ސުދީރުއާ ގުޅުން އޮންނަ ވާހަކައަކީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއް،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ސަރުކާރު އައި ފަހުން ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފައެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުން މިހާ ވަރުގަދަވި އެއް ސަބަބަކީ ވެސް ސުދީރު ކުރެއްވި ބުރަ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އިންޑިއާ ސަފީރުގެ މަސައްކަތުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިވެފައެވެ. ހާއްސަކޮށް އިގްތިސާދީ، އިޖުތިމާއީ ރޮނގުންނާއި ޑިފެންސް ދާއިރާ އިން ލިބުނު ކުރިއެރުންތައް އޭނާ ފާހަގަ ކުރެއްވިއެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮފިޝަލް ފާހަގަ ކުރެއްވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ފަށަމުން އަންނަ ބޮޑެތި މަޝްރޫއުތަކެވެ. މިހާތަނަށް އައިއިރު، އިންޑިއާ އިން ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 2.2 ބިލިއަން ޑޮލަރުގެ އެހީ (ލޯނާއި ހިލޭ އެހީ ހިމެނޭ ގޮތަށް) ލިބުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ވެސް ސަންޖޭ ސުދީރު ކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެ އަށް ގެނައި ވެކްސިން.

"މީހުން ބިނާ ކުރުމަށް ސުދީރު ދެއްވި އިސް ކަމަކީ ވެސް ފާހަގަކޮށްލަން ޖެހޭ ކަމެއް. އެކި ދާއިރާތަކުން މީހުން ބިނާ ކުރަން މަސައްކަތް ކުރި. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ހެލްތު، ފަދަ ދާއިރާތައް ހިމެނޭ،" އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް އިންޑިއާގެ ފަރާތުން އެހީ ލިބުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރެއްވީ ސުދީރު ކަމަށެވެ. ހާއްސަކޮށް ކޮވިޑް-19 ވެކްސިން ރާއްޖެ އަށް ހިލޭ ފޯރުކޮށް ދިނުމަށް ކުރެއްވި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

ސުދީރު، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމް އެންޑް ގޭސްގެ ޖޮއިންޓް ސެކްރެޓަރީ އިންޓަނޭޝަނަލް ކޯޕަރޭޝަންގެ މަގާމުގައެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލްގެ މަގާމު ވެސް ކުރިން އަދާ ކުރައްވައިފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ސުދީރު، އިންޑިއާ ކަނޑުގައި ތަރައްގީވެފައިވާ ގައުމެއްގެ ސަފީރަކަށް އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން ގައުމެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

"މިއީ ސަންޖޭ ސުދީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމަށް އިންޑިއާ ސަރުކާރުން ދޭ މަގާމެއް،" އޮފިޝަލް ވިދާޅުވިއެވެ.

މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ މާލެ އާއި ވިލިމާލެ އާއި ތިލަފުށި އަދި ގުޅީފަޅު ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިންޑިއާ ސަރުކާރުގެ ލޯނު އެހީގައި ދަށުން ފަށަން ވަނީ ތައްޔާރުވެފައެވެ. އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މާޟީ

  އޮންނާނީ ރާއްޖެއިން ބޭރު ކޮއްފަ....

  14
 2. ސޮއި

  ކޮރަޕްޓް ގޮލަެެއް

 3. ލަކްނައު

  ކޮރަޕްޝަން މައްސަލަ އެއް ނެތް. އޮތީ ކުޑަ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް.

 4. ބޭޗާރާ

  އިންޑިޔާ މީހެއްތަ! ކޮރަޕްޝަން ނެތި ނުދާނެ.

 5. Anonymous

  އިންޑިޔާ އައުޓް. ރޭޕިސްތާން އައުޓް